ޚަބަރު

ވޯޓް ފޮށި 200 މީހުން ރަޖިސްޓްރީވާ ޤައުމުތަކަށް

އީސީގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ އީސީ

މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރު ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ އެޤައުމަކުން 200 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީ ކޮށްފި ނަމަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ބޭއްވުނު އެ ކޮމިޝަންގެ 405 ވަނަ އާންމު ޖަލްސާގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރު، ސިނާއީ މަސައްކަތްކުރާ ތަންތަން، ރިސޯޓުތައް އަދި ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުސޫލު ފާސްކޮށްފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާއިން އަލަށް އައްޔަންކުރި އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހުމަދު އަކްރަމް އާއި ހަވާލާދީ "ވީއެފްޕީ" އިން ރިޕޯޓްކުރާ ގޮތުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތައް ކަނޑައަޅާނީ ރަޖިސްޓްރީކުރަން ހުޅުވާލާ ފުރުސަތުގައި 200 އަށްވުރެ ގިނަ މީހުން އެ ޤައުމެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފި ނަމަ ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ ވޯޓުލާން މަދުވެގެން 100 މީހުން ރަޖިސްޓްރީ ކޮށްފި ނަމައެވެ.