ޚަބަރު

ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ: އދ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: ރޮއިޓާސް

މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ޖެހޭނެ ކަމަށް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ނިންމާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދެ މައްސަލައަކަށް ރިއާޔަތްކޮށެވެ. އެއީ 2013 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަކާއި 2016 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވާ ޝަރުއީ އިޖުރާއަތުތައް ބިނާކޮށްފައިވަނީ ރަނގަޅު ނޫން ގާނޫނުތަކެއްގެ މައްޗަށް ކަމަށާއި، އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހުރޫމުކޮސްފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޙުކުމެއް އިއްވާ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހަދާފައިވާ އިރު އެއީ ރާއްޖެއިން ބައިވެރިވެފައިވާ އައިސީސީޕީއާރުގެ 25 ވަނަ މާއްދާއާއި ޚިލާފަށް އެމަނިކުފާނުގެ ސިޔާސީ ޙައްޤުތައް ނިގުޅައިގަނެގެން ކަމަށް ވެސް އެ ކޮމިޓީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގެ ވެބްސައިޓުގައި އެކޮމިޓީގެ ވައިސް ޗެއާ ޔުވަލް ޝަނީއާއި ހަވާލާދީ ބުނެފައިވަނީ 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތައް އެންގުމަށް ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.