ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މާލެ އަތޮޅު ރަށަކަށް ނިސްބަތްވާ އެފިރިހެން މީހާ މީގެ އަހަރެއްހާ ދުވަސް ކުރިން ސީރިއާއަށް ދިޔައީ އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުވެސް ގޮވައިގެންނެވެ.
އެޤައުމުގައި ހަނގުރާމާގައި އުޅުމަށްފަހު އެމީހުން އެނބުރި ރާއްޖެ އައީ މިދިޔަ މަހު 28ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ކުށެއް ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިކަން ކަމާ ބެހޭ ފަރާތްތަކަށް އެނގޭ އިރު ވެސް އޭނާ ހައްޔަރުކޮށްފައި ނުވަނީ އޭނާ ހަނގުރާމައަށް ދިޔަކަން ސާބިތު ކުރެވެން ނެތިގެންނެވެ. ހަނގުރާމައަށް ދިއުމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން ހައްޔަރު ކުރި ބައެއް މީހުން ވެސް ވަނީ ހެކި ނެތިގެން ދޫކޮށްލަން ޖެހިފައި ވެއެވެ.
ސީރިއާ އަށް ދިޔަ ދިވެހިންގެ އަދަދު މީގެ ކުރިން އުޅެނީ 49 ގައި ނަމަވެސް މިއަހަރު އިއުލާން ކުރިއިރު އެ އަދަދު 61 އަށް އަރާފައިވެ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ މީހުން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށެވެ.
އެކަމަކު ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދިޔުމަކީ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަމަކަށް ވާތީ އޭގެ ދަށުން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.