ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ކަންކަމަށް އެކަށީގެންވާ ގޮތަށް ބެލުމެއް ނެތިކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީއަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށްފަހު މިއަދު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ފުރުސަތު މުހައްމަދު ނަޝީދަށް ދޭން ޖެހޭނެ ކަމަށް ނިންމާފައެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނަޝީދުގެ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކަށް ރިޔާއަތްކުރުމެއް ނެތިމަށެވެ.
އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވާ ޝަރުއީ އިޖުރާއަތުތައް ބިނާކޮށްފައިވަނީ ރަނގަޅު ނޫން ގާނޫނުތަކެއްގެ މައްޗަށް ކަމަށާއި، އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހުރޫމުކޮސްފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް އެ ކޮމިޓީން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ޙުކުމެއް އިއްވާ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހަދާފައިވާ އިރު އެއީ ރާއްޖެއިން ބައިވެރިވެފައިވާ އައިސީސީޕީއާރުގެ 25 ވަނަ މާއްދާއާއި ޚިލާފަށް އެމަނިކުފާނުގެ ސިޔާސީ ޙައްޤުތައް ނިގުޅައިގަނެގެން ކަމަށް ވެސް އެ ކޮމިޓީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގެ ވެބްސައިޓުގައި އެކޮމިޓީގެ ވައިސް ޗެއާ ޔުވަލް ޝަނީއާއި ހަވާލާދީ ބުނެފައިވަނީ 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތައް އެންގުމަށް ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.