Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ނަޝީދުގެ ނަމެއް ވޯޓް ކަރުދާސްކޮޅަކު ނޯންނާނެ"

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ: ފޮޓޯ - އަވަސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އަންނަ ރިޔާސީ އިންތިހާބްގެ ވޯޓު ކަރުދާސް ކޮޅަކު ނޯންނާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ރައީސް ނަޝީދުގެ މައްސަލަ ބެއްލެވުމަށްފަހު މިއަދު ނެރުނު ބަޔާނުގައި އެމަނިކުފާނަށް ރާއްޖޭގައި މިއަހަރު ބާއްވާ އިންތިހާބުން ފުރުސަތު ދޭން ޖެހޭނެކަމަށް ނިންމުމާއި ގުޅިގެން ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

"ތަކުރާރުކޮށް ދަންނަވާލާނަން، ކުރީގެ ރައީސް ނަޝީދުގެ ނަން 2018ގެ ރައީސުލް ޖުމްހުރިއްޔާ ހޮވުމުގެ ވޯޓު ކަރުދާސް ކޮޅުގައި ނޯންނާނެ، އޮންނަން ޖެހޭ އެއްވެސް ގޮތެއް، ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ ގާނޫނު ނުވަތަ ގަވާއިދަކު ނެތް"

ޝައިނީ މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު މިއަދު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ނިންމާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދެ މައްސަލައަކަށް ރިއާޔަތްކޮށެވެ. އެއީ 2013 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަކާއި 2016 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވާ ޝަރުއީ އިޖުރާއަތުތައް ބިނާކޮށްފައިވަނީ ރަނގަޅު ނޫން ގާނޫނުތަކެއްގެ މައްޗަށް ކަމަށާއި، އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހުރޫމުކޮސްފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޙުކުމެއް އިއްވާ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހަދާފައިވާ އިރު އެއީ ރާއްޖެއިން ބައިވެރިވެފައިވާ އައިސީސީޕީއާރުގެ 25 ވަނަ މާއްދާއާއި ޚިލާފަށް އެމަނިކުފާނުގެ ސިޔާސީ ޙައްޤުތައް ނިގުޅައިގަނެގެން ކަމަށް ވެސް އެ ކޮމިޓީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީގެ ވެބްސައިޓުގައި އެކޮމިޓީގެ ވައިސް ޗެއާ ޔުވަލް ޝަނީއާއި ހަވާލާދީ ބުނެފައިވަނީ 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތައް އެންގުމަށް ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.