މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިވެވެން ޖެހޭނެކަމަށް އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމި ނަމަވެސް އެކަން ރާއްޖޭގައި ނިންމާނީ ސުޕުރީމް ކޯޓުން ކަމަށް ސަރުކާރުން ބުނެފިއެވެ.
ނަޝީދާއި ގުޅޭގޮތުން އދ. އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމި ނިންމުން ގަބޫލުނުކޮށް ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބްގައި ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތު ނެތްކަމަށެވެ.
އަދި ރައީސް ކަމަށް ކުރިމަތިލާ ބޭފުޅަކު މަގާމަށް ޝަރުތު ހަމަވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ސަރުކާރުން ބުނީ ނަޝީދުގެ މައްސަލަ އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ކަންކަމަށް ބެލުމެއް ނެތިކަމަށެވެ.
ސަރުކާރުން މިފަދައިން ބުނެފައިވާ އިރު މިރޭ ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީވެސް ވަނީ ނަޝީދަށް ފުރުސަތެއް ނޯންނާނެކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.