Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޕްރެޝަރަކަށް ދުލެއް ނުދޭނަން: ނިހާން

ބޭރުން ޕްރެޝަރު ކުރިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އދ. އިން ކަނޑައެޅުމުން ދިވެހި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނީ ހުކޫމަތުގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ. ނިހާން މިހެން ވިދާޅުވެ އިޝާރާތް ކުރައްވާފައިވަނީ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ. އިން މިއަދު ކަނޑައެޅުމުން، އެކަމަށެވެ.

ސަރުކާރު ތަމްސީލު ކުރައްވާ ފަރާތްތަކުން ތަކުރާރުކޮށް ނަޝީދަށް ވާދަކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް މީގެ ކުރިންވެސް ބުނަމުން އައިސްފައިވެއެވެ. އެބޭފުޅުން މިއަދުވެސް ވަނީ އދ. ގެ ނިންމުމަށް ރައްދު ދެއްވައި ނަޝީދަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ނިހާންގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީވެސް ހިމެނިވަޑައިގަންނަވައެވެ. އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު ހުސައިންގެ އޮފީހުން ނަޝީދާ އެއްކޮޅަށް މައްސަލަ ނިންމީ، 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ހުށައެޅި ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.