Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އދ. ގެ ނިންމުމާ ދެކޮޅު ނެހެދޭނެ: ހިސާން

ހިސާން ހުސެއިން - ފޮޓޯ: ވަގުތު

ދިވެހި ސަރުކާރުން ބޭނުން ވިޔަސް އދ. ގެ ނިންމުމަކަށް ދެކޮޅު ހަދައި ގަދަ ދެއްކޭނެ ބާރެއް ސަރުކާރުގައި ނެތް ކަމަށް ގާނޫނީ ވަކީލް، ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބައިނަލް އަގުވާމީ މަދަނީ އަދި ސިޔާސި ހައްގުތަކާ ގުޅޭ ގޮތުން ގާއިމުކުރެވިފައިވާ މުއާހަދާގެ ދަށުން ސަރުކާރަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމާ ނިންމުމަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

ހިސާން މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައިވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އދ. ގެ ނިންމުމަށް ބޯނުލަނބާނެ ކަމަށް ފާޅުގައި ބުނެފައިވަނިކޮށެވެ.

އެގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ނަޝީދަށް ވާދަކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން ވެސް ވަނީ ބޭރުގެ ޕްރެޝަރަށް ދީލާލަން ނުޖެހޭނެ ކަމަށް ބުނެ އދ. ގެ ނިންމުމަށް ދެކޮޅު ހަދާފައެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި މި ނިންމުމަކީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ނަޝީދުގެ ފަރާތުން ހުށައެޅި ޝަކުވާތަކަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.