Last Updated: April 19, 06:03
Friday, April 19, 2024
މުނިފޫހިފިލުވުން

"ބާރަތު" ގައި ސަލްމާނާއި ޕްރިޔަންކާ

ސަލްމާން ހާންގެ ފިލްމް "ބާރަތު" ގެ ބަތަލާއަކަށް ޕްރިޔަންކާ ޗޯޕްޅާ ހަމަޖައްސައި، ހޯމަ ދުވަހު ފިލްމްގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓާ "ޓައިގާ ޒިންދާ ހޭ" އަށް ފަހު، ސަލްމާން، އަލީ އައްބާސް ޒަފަރުއާ އެކު މަސައްކަތް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން ފެށިކަން ރޭ އިއުލާން ކުރުމަށް ފަހު، މިއަދު ވަނީ ބަތަލާއަކީ ޕްރިޔަންކާކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

އެހެންވެ "ބާރަތު" ވެގެން ދާނީ ސަލްމާނާއި ޕްރިޔަންކާ އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމަށެވެ. އެ ދެ ތަރިން ކުރިން ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ގޯޑް ތުސީ ގްރޭޓް ހޯ (2008)، ސަލާމޭ އިޝްގް (2007) އަދި މުޖްސޭ ޝާދީ ކަރޯގޭ (2004) ހިމެނެ އެވެ.

ހޮލީވުޑަށް ޕްރިޔަންކާ ހިޖުރަ ކުރި ފަހުން އޭނާ ހިންދީ ފިލްމަކުން އެންމެ ފެނުނީ 2016 ގަ އެވެ. އެ އަހަރު އޭނާ ފުލުހެއްގެ ރޯލުން ފެނުނު "ޖެއި ގަންގާޖަލް" އެވެ. "ބާރަތު" އަކީ އެ ފިލްމަށް ފަހު، ކުޅަދާނަ ބަތަލާ ސޮއި ކުރި ފުރަތަމަ ހިންދީ ފިލްމް ވެސް މެ އެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ޖޫން 8 ގައި ރިލީޒް ކުރާ "އަ ކިޑް ލައިކް ޖޭކް" އިންނެވެ. އޭނާ ސަޕޯޓިން ރޯލެއް ކުޅެފައިވާ ފިލްމްގެ ޓްރެއިލާ ވެސް ވަނީ ދައްކާލައިފަ އެވެ.

އަދި މި މަހުގެ 26 އިން ފެށިގެން ޕްރިޔަންކާގެ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން އޭބީސީ ނެޓްވާކުން ދައްކަން ފަށާނެ އެވެ.