Last Updated: June 28, 09:36
Sunday, June 28, 2026
ޚަބަރު

ވެމްކޯ މުވައްޒަފުންގެ ޔުނިފޯމް ދައްކާލައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުވައްޒަފުންނަށް ޔުނީފޯމެއް ތަޢާރަފުކޮށްފިއެވެ.

ވެމްކޯގެ އާ ޔުނީޕޯމް ފަރުމާކޮށްފައި ވަނީ ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެއީ ވެމްކޯގެ މުވައްޒަފުންކަން ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށެވެ.

މި ޔުނީޕޯމް ތައާރަފުކޮށްފައި ވަނީ "ސާފު ރާއްޖެ" ޝިއާރުގެ ދަށުން ކުނި މެނެޖް ކުރުމާއި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް އުފެއްދުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގައެވެ.

ވެމްކޯގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވީ، އަަލަށް ތަޢާރަފްކުރި ޔުނީފޯމް ފަރުމާކޮށްފައިވަނީ އެހެން ޤައުމުތަކުގައި މި މަސައްކަތުގައި ހަރަކާތްތެރުވާ މީހުން ޔުނީފޯމުތައް ހުންނަހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ.

ވެމްކޯ އިން ބުނި ގޮތުގައި އަލަށް ތައާރަފު ކުރި ޔުނީފޯމުގެ ތެރެއިން ވެށިފާރަވެރިން ބޭނުން ކުރާ ޔުނީފޯމް ހުންނާނީ މަސައްކަތުގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތައް ގަދަ ފެހިކުލައިގަ އެވެ. އަދި އެ މުވައްޒަފުން ވިއްސާރާ ދުވަހު ބޭނުން ކުރުމަށް ކަޅު ކުލައިގެ ކޯޓެއް ވެސް ޔުނީޕޯމާ އެކު ދީފައިވެ އެވެ.

ވެށިފާރަވެރިންގެ އެންމެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުންނާއި ޑްރައިވަރުން ބޭނުން ކުރާނީ މަޑު ފެހިކުލައިގެ ޓީޝާޓެކެވެ. އަދި ޑިއުޓީ އޮފިސަރުން ޔުނީފޯމާ އެކު ކަލެކްޝަން ޚިދުމަތަށް ޑާޓާ ނެގުމަށްޓަކައި ބޭނުން ކުރާ ޓެބްލެޓަށް ހާއްސަ ކުރެވިފައިވާ ދަބަހެއް ވެސް ބޭނުން ކުރާނެ އެވެ.

މީގެ އިތުރުން ޓްރާންސްފަ ސްޓޭޝަންގައި މަސައްކަތް ކުރާ ސަރަހައްދުގައި އުޅޭ މުވައްޒަފުން ބޭނުން ކުރާނީ އޮރެންޖް ކުލައިގެ ވެސްޓެކެވެ.

އަލަށް ތައާރަފު ކުރި ކޮންމެ ޔުނީފޯމަކާ އެކު ތޮތްޕަކާއި އަންގިއެއްގެ އިތުރުން ފައިވާނެއްގެ ގޮތުގައި ބޭނުން ކުރާ ކްރޮކްސް އެއްވެސް ވަނީ ތަޢާރަފުކޮށްފަ އެވެ.