Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކުރިމަތިލާންވީ މީހުން އދ. އަކަށް ނުނިންމޭނެ: ޖަމީލް

ދިވެހި ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމަށް ޝަރުތު ހަމަވާ މީހުން އދ. އަށް ކަނޑަނޭޅޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރު، ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން "ވަގުތު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އދ. އިން ދެއިރު ދައްކާ ވާހަކަ ދިމާ ނުވާ ކަމަށާއި މިހާރު ކުއްލި ގޮތަކަށް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ކުރެވެން ޖެހޭ ކަމަށް ނިންމުމުން ބަލައިނުގަނެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ޝަރުތު ހަމަވާ މީހަކު ކަނޑައެޅުމުގެ އެއްވެސް ހައިސިއްޔަތެއް އދ. އަށް ލިބިގެން ނުވާ ކަމަށެވެ.

އަދި ނަޝީދަށް ވާދަކުރެވޭ ގޮތަށް އދ. އިން ކަނޑައަޅާ ނަމަ ނަޝީދަކީ ރާއްޖޭގެ ރައީސް ކަމަށްވެސް އދ. އިން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ވަނީ ނަޝީދުގެ ފަރާތުން ހުށައެޅި ޝަކުވާތަކަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ލިބެން ޖެހޭނެ ކަމަށް ނިންމާފައެވެ.

އެ ނިންމުމާ މެދު ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަ ނުޖެހި ވަޑައިގެން ވާހަކަ ދައްކަވާފައިވާއިރު ބައެއް ބޭފުޅުން ވަނީ ކަނޑައެޅިގެން އދ. ގެ ނިންމުމަށް ދިވެހި ސަރުކާރުން ބޯނުލަނބާނެ ކަމަށް ބުނެފައެވެ. ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގެ ފަހު ބަސް އިއްވާނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށެވެ.