Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އދ. އަށް ގޮންޖަހާ ނަމަ ފިޔަވަޅު އަޅާނެ: ނަސީމް

އދ. އިން ނިންމާ ނިންމުންތަކަށް އަމަލު ނުކުރާނެ ކަމަށް ބުނެ ގޮންޖަހާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް(ކެރަފާ) ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް ނަޝީދަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ކަނޑައެޅުމުން، ސަރުކާރު އެ ނިންމުމަށް ތަބާ ނުވާނެ ކަމަށް ބުނަމުންދަނިކޮށް ނަސީމް މިހެން ވިދާޅުވެފައިވަނީ ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އދ. ގެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި ސަރުކާރަށް އދ. ގެ ނިންމުންތަކާ ޚިލާފުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އިއްޔެ އދ. އިން ނިންމި ނިންމުމަށް އަމަލުކުރުން ސަރުކާރުގެ މައްޗަށް މަޖުބޫރު ވާނެ ކަމަށްވެސް ނަސީމް ވިދާޅުވެފައިވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއިން ނިންމާފައިވަނީ ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިސަރުކާރުން ނަޝީދަށް ދޭން ޖެހޭނެ ކަމަށް އެ ނިންމުމުގައި ވެއެވެ.