ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ރައީސް ނަޝީދުގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހި ސަރުކާރާއި ދެކޮޅަށް އިތުރު ދައުވާއެއް ނުކުރެވޭނެ ގޮތަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރުގެ އާބިޓްރީން އެގޮތަށް ނިންމާފައިވަނީ އެމްއޭސިއެލްގެ ފަރާތުން އިތުރު 15 މިލިއަން ޑޮލަރު ހޯދުމަށް ހުށަހެޅި މައްސަލަ ނިންމުމަށްފަހުއެވެ. އެގޮތުން އެފައިސާއަކީ އެމްއޭސީއެލްއިން ޖީއެމްއާރްއަށް ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށާއި، ދެން އިތުރަށް މި މައްސަލާގައި ޖީއެމްއާރަށް ދިވެހި ސަރުކާރާއި ދެކޮޅަށް ދައުވާއެއް ނުކުރެވޭނެ ގޮތަށް ވެސް ވަނީ ނިންމާފައެވެ.
ޖީއެމްއާރްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން ދަނިކޮށް އެއްބަސްވުން އުވާލި މައްސަލާގައި އެކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ހުށަހެޅި މައްސަލާގައި 4.1 ބިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެފައިސާ އެއްފަހަރާ ޖީއެމްއާރަށް ދައްކާފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ހިންގަން ޖީއެމްއާރަށް ކުއްޔަށް ދިނީ 25 އަހަރުގެ މުއްދަތަކަށެވެ. ޖީއެމްއާރަށް އެއާޕޯޓު ދިނުމާއި އެކު އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހުރީ ޕާޓީ އަދި ޕީޕީއެމް އާއި ގައުމީ ޕާޓީ ގުޅިގެން މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވައި ރައީސް ނަޝީދުގެ ސަރުކާރު ވަނީ ވައްޓާލާފައެވެ.