ރައީސުލް ޖުމުހޫރިއްޔާ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެސްއޯ ފުލުހުންގެ ބޯބާލާފައިވަނީ ގަދަކަމުން ކަމަށް ވަކީލުން ހާމަކޮށްފިއެވެ.
ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ބަންދުގައި ތިބި ފުލުހުންނާ ބައްދަލުކުރަން ދިޔައިރު އެމީހުންގެ ބޯ ކުރުކޮށް ކޮށާލާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެމީހުންގެ ހުއްދަ ހޯދުމެއް ނެތި ގަދަކަމުން ކަމަށް ވަކީލުން ބުނެފައިވެއެވެ.
އަދި ފުލުހުންގެ މި އަމަލަކީ އެންޓި ޓޯޗާ ގާނޫނާއި ޚިލާފު އަމަލެއްކަން ވެސް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން އަދި މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ.
އަދި ވަކީލުން ވަނީ ކަރެކްޝަންސް އޮފިސަރުން ހިންގާފައިވާ ޓޯޗާގެ އަމަލު ބަލައިދިނުމަށް އެދިފައެވެ.