މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައިފި އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަކީ، ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީ ތަކަށް ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. އެ އިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީއަކުންނެވެ.
ޚާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. އެހެން ނަމަވެސް، އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދީ، ޓީމަކުން ނުވަތަ ޖަމާއަތަކުންނަމަ، މުޅި ޓީމަށް ނުވަތަ ޖަމާއަތަށް ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ކަމަށާއި ވަކިވަކި ބައިވެރިންނަށް ދެއްވާނީ، ހަނދާނީ ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ގިންތިތައް ތިރީގައި އެވަނީ އެވެ.
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
2. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.
މި އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވުމުގެ އެންމެފަހު ތާރީޚަކީ، އަންނަ މޭ މަހުގެ 31 ވާ ބުރާސްފަތި ދުވަހެވެ. ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެ ކަމަށާއި އެއޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރު ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.