Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

އިންވެސްޓްމަންޓް ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި

2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް - ފޮޓޯ: އެޗްޑީސީ

ރާއްޖެ އަންނަ އިންވެސްޓްމަންޓުތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް ހަތަރު ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރޭޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ޗެއާމަނަކަށް އައްޔަން ކުރެއްވީ، ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ގ. ކާނިހިޔާ، މުހައްމަދު ޖަލީލެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ގުޅީފަޅު އިންވެސްޓްމަންޓް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މ. ސުހުރާ، އަބްދުﷲ ފަޒީލު އައްޔަންކުރިއިރު، އެ ކުންފުންޏަށް އައްޔަންކުރި ދެ ޑިރެކްޓަރުންނަކީ، ހ. އޯސިސް ވިއުސް، ރުޝާހާ އަހުމަދު ޝަރީފާއި ގ. ގުލްބުލާވިލާ، އާމިނަތު ނަދާ ހުސެއިން އެވެ.

ރުޝާހާ އަކީ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބޭފުޅެކަށް ވާއިރު، ނަދާ އަކީ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުގެ ފަރާތުން ކަނޑައަޅާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ އެ ކުންފުނީގެ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އުފައްދަވައި، އެ ކޮމިޓީ އަށް ވެސް ބޭފުޅުން އައްޔަންކުރައްވާފަ އެވެ.

އެގޮތުން މިއަދު ރަޖިސްޓްރީ ކުރެވިގެންދިޔަ ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑްގެ އެޑްވައިޒަރީ ކޮމިޓީ އަށް އައްޔަން ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓްރު މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް އިކޮނޮމިކް ރިލޭޝަންސް މުހައްމަދު ލުވެއިޒް އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އިންވެސްޓްމަންޓް ކުންފުނި އުފެއްދެވީ އިޤްތިޞާދަށް އަންނަ ބަދަލުތައް ދެނެގަނެ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓުތައް ހިމާޔަތް ކުރުމަށެވެ. އަދި އިންވެސްޓްމަންޓުތަކުގެ ފައިދާ އިތުރު ކުރުމާއި ރާއްޖެ އަށް އިސްލާމިކް ފައިނޭންސާއި ފައިނޭންޝިއަލް ޕްރޮޑަކްޓްތައް އިތުރު ކުރުމަކީ ވެސް އެ ކުންފުނީގެ މަޤްސަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.