ކަނޑު އަޑީގައި ހަދާ ދުނިޔޭގެ އެންމެ ފުރަތަމަ ގެ ކޮންރެޑް މޯލްޑިވްސް ރަނގަލި ރިސޯޓުގައި ހަދަން ފަށައިފި އެވެ.
"މުރަކަ" ނަމުގައި ތަރައްޤީކުރާ ކަނޑު އަޑީގެ މި ގެއަކީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ރަނގަލީގެ ފަޅުތެރޭގައި ހަދާ ނުވަ މީހުންގެ ޖާގައިގެ ގެއެކެވެ.
އަދި މި ގޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމި، އެތަން އަންނަ ނޮވެމްބަރު މަހު ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.
ކޮންރެޑް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކަނޑުއަޑީގެ ގެ ހަދަނީ ކަނޑުއަޑީގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ފެންނަ ގޮތަށް ކަމަށާއި، މުރަކަ ޑިޒައިންކޮށްފައި ވާނީ އެނބުރޭ ކޮންމެ ދިމާލަކުން ވެސް އިންޑިއާ ކަނޑުގެ ރީތިކަން ފެންނަ ގޮތަށް ކަމަށެވެ.
ކޮންރެޑްގައި އެ ގެ ހެދުމުގައި އިސްކޮށް އުޅުއްވަނީ އެ ރަށުގެ ވެރިފަރާތް ކަމަށްވާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ސަލީމާއި އެކުއޭރިމްތައް ހެދުމުގައި މަޝްހޫރު ނިއުޒިލޭންޑްގެ އެމް ޖޭ މާފީ ލިމިޓެޑްގެ ލީޑިން އިންޖިނިއަރު މައިކް މާފީ އެވެ.
ދެ ބުރިއަށް ހަދާ އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑުއަޑީގައި ކަމަށްވާއިރު، ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އަދި ފާޚާނާއެއް ކަނޑުއަޑީގައި ހުންނަ ސުއިޓްގައި ހުންނާނެ އެވެ. ވަށް ސިޑިއަކުން ފައިބަން ޖެހޭ އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގަ އެވެ.
މުރަކަ ރެޒިޑެންސްގެ މަތީ ފްލޯގައި ހިމެނެނީ ޓުވިން ސައިޒްގެ ބެޑްރޫމަކާއި ޕައުޑާ ރޫމް، ޖިމް، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި ގުޅިފައި ހުންނަ ލިވިން ރޫމަކާއި ބަދިގެއެއް އަދި ޑައިނިން އަކާއި ބާ އެކެވެ. އަދި އެ ވިލާގެ ފަހަތުގައި އިރު އަރައިގެން އަންނަ މަންޒަރު ރީތިކޮށް ފެންނަ ގޮތަށް ހަދާ ޑެކްގައި އިންފިނިޓީ ސުވިމިން ޕޫލެއް ވެސް ހަދަން ނިންމާފައިވެ އެވެ. އެ ފްލޯގައި އިތުރު ކިންގް ސައިޒުގެ ބެޑްރޫމަކާއި މޫދު ފެންނަ ގޮތަށް އޮވެވޭ ބާތުޓަބެއް ހިމެނޭ ފާޚާނާއެއް ވެސް އެތަނުގައި ހުރެ އެވެ.
ކޮންރެޑް މޯލްޑިވްސްރަނގަލި ރިސޯޓްގައި ވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ކަމަށްވާ "އިތާ" ރެސްޓޯރަންޓް ވެސް ހުޅުވައިފަ އެވެ.
މުރަކަ ރެޒިޑެންސް ހަދަން ފެށީ، އިތާ ރެސްޓޯރަންޓް ހުޅުވިތާ މިމަހު 13 އަހަރު ފުރުމާ ދިމާކޮށެވެ.