ފެބުރުވަރީ 1 ވަނަ ދުވަހު ރާއްޖެ ގެންނަން އުޅުނު ބަޢާވާތުގެ ބައިވެރިން ރާވާފައި އޮތީ ރައީސް އަބްދުﷲ ޔާމީން ހަވަރަށް ދޭން ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ގެންނަން އުޅުނު ބަޢާވާތާއި އަލި ރަސްގެފާނު ޝަހީދުކޮށްލި ހާދިސާ އާއި ތަފާތެއް ނެތްކަމަށެވެ. އަދި އެދުވަހުގެ ބަޢާވާތް ރާވާލާފައި އޮތީ ފެބްރުއަރީ 7، 2012ގައި ރާއްޖެ ގެނައި ފަދަ ބަޢާވާތުން މިސާލު ނަގައިގެން ކަމަށެވެ.
ޝަރީފު ވިދާޅުވީ އެދުވަހު ކަންކަން ކުރަން ރާވާފައި އޮތީ ސަރުކާރުގެ ވަޒީރުންނާއި ރައީސް ހައްުޔަރުކޮށް ހަވަރަށް ދިނުމަށްކަމަށެވެ. ނަމަވެސް އެދުވަހު ރައީސް ޔާމީންގެ ހިކުމަތު އަމަލީ ބޭނުން ކުރެއްވީ އިންޑިއާއަށް މިނިވަންކަން ހޯއްދަަވައިދެއްވި ބާނީ މަހާތުމާ ގާނދީ މަސައްކަތް ކުރެއްވި ގޮތަށް ކަމަށެވެ.
"އެކެއް ފެބްރުއަރީގައިވެސް ރާވާފައިއޮތީ ދިވެހި ސިފައިންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދައިގެން ޤާނޫނީ ހުކުމްތައް ކޮށްފައިތިބި ކުށްވެރިން ދޫކޮށްލައިގެން މާލެތެރެ ހަލަބޮލިކޮށް ގޭންގުތަކުގެ ހަރަކާތްތަކާއެކު މުޅި މާލެތެރެ ގަޑުބަޑުކޮށްލުމަށްފަހު ފުލުހުންނާއި ސިފައިންނާ ދެމެދު ހަމަނުޖެހުން ހިންގާ، ހަމަނުޖެހުމުގެ ތެރެއިން ރައީސް އާއި ވަޒީރުން ހައްޔަރުކުރުމަށްފަހު ރައީސް ހަވަރަށް ދިނުމަށް"
ޝަރީފް ވިދާޅުވީ އެދުވަހުގެ ބަޢާވާތް ކާމިޔާބްވި ނަމަ ރާއްޖޭގައި ބޭރުގެ ގައުމެއްގެ މިލިޓަރީ ބޭހެއް ހުރުމަކީ ގާތްކަމެއް ކަމަށެވެ.
"ބަޣާވާތުގެ ބައެއް ބޭފުޅުންނަށް ހީވެފައިއޮތީ ބަޣާވާތުގެ ސަބަބުން ބޭރުގެ ޤައުމަކުން ރާއްޖެ އަރާ ޤައުމު ކޮންޓްރޯލް ކުރާނެކަމަށް. އަނެއްބަޔަކަށް ހީވެފައިއޮތީ އދ. ގެ ފަރާތުން އެހީ ލިބޭނެކަމަށް. އެހެންނަމަވެސް ޤައުމަށް ދިމާވި ކޮންމެ ޙާލަތެއްގައި ޙިކުމަތްތެރިކަމާއި ސާބިތުކަމާއެކު ޤައުމު ހަޔަމަކަށް އެޅުއްވުމަށްޓަކާ ރައީސް މަސައްކަތް ކުރެއްވި"
ޝަރީފު ވިދާޅުވީ އެދުވަހުގެ ބަޢާވާތް ނާކާމިޔާބުކޮށްލަން ރައީސް ޔާމީން ކުރެއްވީ އަގުހުރި ޖިހާދެއް ކަމަށެވެ. އަދި އެކަމުގެ ބައިވެރިންނަށް ހައްގު އަދަބު ލިބެން ޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.