Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ސީރިޔާ އަށް ދެވުނީ އޮޅުމަކުން: ފައިޒަން

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަސަން ފައިޒަން ކޯޓަށް ހާޒިރުކުރަނީ: ފޮޓޯ - ވަގުތު

ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މއ. މާރަނގަ، ހަސަން ފައިޒަން ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރު ކޮށްފިއެވެ.

މިމައްސަލައިގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ފައިޒަން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ދައުލަތުގެ ވަކީލް ދައުވާ އިއްވަމުން ބުނެފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ސީރިއާއަށް އެތެރެވާން އުޅުމުގެ ތެރޭގައި، މއ.މާރަނގަ ހަސަން ފައިޒަން ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން ތުރުކީގެ ސަލާމަތީ ބާރުތަކުން ބިޑި އަޅުވާ ހައްޔަރުކުރުމަށްފަހު ރާއްޖެއަށް ޑީޕޯޓް ކޮށްލާފައިވާކަމަށެވެ.

އަދި މިމައްސަލައާ ގުޅިގެން ގައުމުން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ގައުމު ދޫކޮށް ދިއުމުގެ ދައުވާ، ޓެރަރިޒަމް މާނަ ކުރާ ގާނޫނުގެ ދަށުން ފައިޒަންގެ މައްޗަށް ކުރެއެވެ.

ދައުވާ ސާފުވޭތޯ ގާޒީ އޭނާއާ ސުވާލުކުރުމުން ދައުވާ ސާފުވާ ކަމަށް ހަސަން ފައިޒަން ވަނީ ކޯޓުގައި ބުނެފައެވެ. އަދި އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުވެސް ކޮށްފައެވެ. ކޯޓުގައި ފައިޒަން ބުނެފައިވަނީ ތުރުކީއަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށާއި ސީރިޔާއަށް ދާން ގަސްދެއް ނުކުރާ ކަމަށެވެ.

ނަމަވެސް ތުރުކީ ސިފައިން އޭނާ އަތުލައިގެންފައިވަނީ އޮޅިގެން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

ތުރުކީ ސިފައިންވަނީ ފައިޒަން އަތުލައިގަނެ، ރާއްޖެއަށް އެންގުމަށް ފަހު ރާއްޖެއަށް ޑީޕޯޓު ކޮށްލާފައެވެ. މެލޭޝިޔާއިން ވެސް ދިވެހިންގެ ބަޔަކު ސީރިޔާއަށް ދާން އުޅެނިކޮށް އެގައުމުގެ ފުލުހުން ވަނީ އަތުލައިގަނެ، ޑީޕޯޓުކޮށްލާފައެވެ.