ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނުވަ އެސްއޯ ފުލުހުންގެ ބޯ ގަދަކަމުން ބޭލިކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުން ނުބެލުމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އެސްއޯ ފުލުހުންގެ ގާނޫނީ ވަކީލުން ބުނީ މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު، ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެނައިރު އެމީހުންގެ ބޯ ގަދަކަމުން ބާލާފައިވާ މައްސަލަ ފާހަގަ ކުރުމުން އެކަމަށް ގޮތެއް ނުނިންމައި ކޯޓުން މުއްދަތު އިތުރުކުރުމް ކަމަށެވެ.
ވަކީލުން ބުނީ އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ހުއްދައަކާނުލައި ބޯ ބޭލުމަކީ ޓޯޗާގެ އަމަލެއް ކަމަށެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެމަޖަންސީ ސަޕޯޓް ގްރޫޕްގެ ޗީފް ޕްރިޒަންސް އޮފިސާ އަހުމަދު އަބްދުލް ވައްހާބް މުހައްމަދު ކޯޓަށް ހާޒިރުކުރުމަށާއި އެކުއެވެ.
ހައްޔަރުކޮށްފައިވާ 9 އެސްއޯ ފުލުހުން މިހާރުވަނީ ފުލުހުންގެ ހިދްމަތުން ވަކިކޮށްފައެވެ. އަދި ބޯ ބޭލި މައްސަލަ ބަލައި ދިނުމަށް އެދި ހިއުމަން ރައިޓްސް ކަމިޝަނަށްވެސް ވަނީ ހުށަހަޅާފައެވެ.