Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށް ދިން ފުލުހަކަށް ތައުރީފު

ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް، ފުލުހަކު ކުޑަކުއްޖަކު ސަލާމަތް ކުރުމަށް ކޮށްދެއްވި މަސައްކަތަަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ޝުކުރު އަދާ ކުރަމުން އެބަދެއެވެ.

މިއަދު މުޅި ސޯޝަލް މީޑިއާ ދައުރުވަމުންދަނީ އިއްޔެ ހެންވޭރު ބޯޅަ ދަނޑުކައިރިން ކުޑަކުއްޖަކު ގޮވައިގެން އިމެޖެންސީގައި އޭޑީކޭއަށް ގެންދިއުމަށް ދަނިކޮށް ޓްރެފިކް ބާރުބޮޑުވެގެން ކާރު މަޑުކޮށްފައިވަނިކޮށް އެތުއްތު ކުއްޖާގެ މަންމަ ބޭރަށް ނިކުމެ އެހީތެރިކަމަށް އެދި ގޮވާލުމާއި އެކު "އުފް"ވެސް ބުނުމެއް ނެތި އެ ކުއްޖާ ނަގައި އަތް ދަނޑިމައްޗަށް ލައިގެން ދިޔަ ދިވެހި ފުލުހަކަށް އޮހެމުންދާ ޝުކުރާއި، ތައުރީފްގެ ސަނާ ތަނުކުންނެވެ.

އެތުއްތު ކުއްޖާގެ މަންމަ ފާޠިމަތު ޝިފްނާ މުހައްމަދު އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ އޭނާގެ 4 އަހަރުގެ ދަރިފުޅަށް ކުއްލި އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމަށް ކާރެއްގައި ދަނިކޮށް ޓްރެފިކްގައި ޖެހި ހަދާނެ ގޮތް ހުސްވެ އެންމެ ފަހުން ކާރުން ނިކުމެ އެހީއަށް އެދި ގޮވާލުމުން އެކުއްޖާ ނަގައި ކޮޑަށް ލައިގެން ދިޔަ ޓްރެފިކް ފުލުސް ކުއްޖާ ކޮށްދިން ހިދްމަތަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށެވެ. އަދި އޭނާ ކޮށްދިން ކަންތައް ދުވަހަކުވެސް ހަނދާނުން ނުނެތޭނެކަމަށް އެ މަންމަ ލިޔެފައިވެއެވެ.

އެމަންމަ ވަނީ ހުރިހާ ފުލުހުންނަކީ ގޯސް ބައެއް ނޫންކަން އެ ހާދިސާއިން އެނގިގެން ދިޔަ ކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައުސޫމް ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވީ މުހައްމަދު ރިފާއު ނަމަކަށް ކިޔާ ފުލުހެކެވެ.

މިއަދު ރިފާއުއަށް ތައުރީފް ކުރަމުންދާ މީހުންވެސް ވަނީ ފުލުހުންގެ ތެރޭގައި މިފަދަ އަހްލާގު ރަނގަޅު، ފުލުހުންގެ އަސްލު މޮޓޯކަމަށްވާ "ޓު ޕްރޮޓެކްޓް އެންޑް ސާވް" ގެ ގޮތުގައި ތިބި ބަޔަކު ތިބިކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް ތަފާތު ފަހަރުމަތިން ވަކި ވަކި ފުލުހުންގެ ފަރާތުން މިފަދަ ހިތްވަރާއި ސާބިތުކަން ވަނީ ފެނިގެން ގޮސްފައެވެ.