Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

އިންތިޚާބުގެ ސަލާމަތީ ކަންކަމާ ފުލުހުންނާ މަޝްވަރާކޮށްފި

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފުލުހުން - ފޮޓޯ: އީސީ

މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާއެކު މިއަދު މަޝްވަރާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިހާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުންނާއި އިންތިޚާބަށް އާންމުން ހޭލުންތެރިކުުމާ ގުޅޭ ގޮތުން ވެސް ފުލުހުންނާ އެކު ވާހަކަ ދެކެވުނު ކަމަށް އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ކަމާގުޅޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރިއަށްގެންދާ ކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އާއްމުން ހޭލުންތެރި ކުރުވުން ކުރިއަށް ގެންދާނީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެމްބަރުންނާއި ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރު އޭސީޕީ ހަމްދޫން ރަޝީދާއި ފުލުހުންގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިޚާބަށް އީސީ އިން ތައްޔާރުވަމުންދާއިރު، މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.