Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ވީއައިއޭގެ ފިއުލް ފާމް ހެދުމުގެ މަސައްކަތް ފަށައިފި

ވީއައިއޭގެ ފިއުލް ފާމް ހެދުމުން ހުންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހެދުމަށް ނިންމާފައިވާ ފިއުލް ފާމްގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަލަށް ހަދާ ފިއުލް ފާމްގައި ޤާއިމްކުރާ ތިން ޓޭންކްގެ ވަށަމިނުގައި 37 މީޓަރު ހުންނާނެ ކަމަށެވެ. އަދި އެ ޓޭންކްތަކުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް، 1.1 މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޑަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށާއި އެއީ މިހާރު އެއާޕޯޓުގައި ހުރި ކެޕޭސިޓީއަށްވުރެ 3 ގުނަ އިތުރު އަދަދެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށެވެ. ވީއައިއޭގެ ފިއުލް ފާމުގެ އިތުރުން އެތަނުގެ ކާގޯ ބިލްޑިންނާއި ރަންވޭގެ މަސައްކަތް ވެސް ކުރަނީ ބީޔޫސީޖީންނެވެ. މި މަޝްރޫއުތައް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރަލަށެވެ.

ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫއަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރާ އެންމެ މުހިއްމު މަސައްކަތަކީ އާ ރަންވޭ ހެދުމެވެ.

އެގޮތުން އަލަށް ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުންނާނެ އެވެ.

މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން މިހާރު ވަނީ ފަށާފަ އެވެ. މިމިމަަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ނުވަަތަ 5.3 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ހަތް މިލިއަން މީހުންނަށް އަމާޒުކޮށް، ކުރިއަށް އޮތް 50 އަހަރަށް ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.