"ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އަޔޫޝްމަން ކުރާނާ އާއި ސޯނަމް ކަޕޫރުގެ ޔާޝްރާޖް ސްޓޫޑިއޯގެ އާ ފިލްމަށް ސޮއިކޮށްފި އެވެ.
އެކަން އެ ސްޓޫޑިއޯ އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޔާޝްރާޖް އިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ވަކި ނަމެއް ހަމަޖެހިފައި ނުވާ ފިލްމްގެ ޑައިރެކްޓަރަކީ "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ގެ ޑައިރެކްޓަރު ނުޕޫރު އާސްތާނާ ކަމަށެވެ.
ސޯނަމް އާއި އަޔޫޝްމަންގެ އިތުރުން ދިއްލީގައި ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމްގައި ރިޝީ ކަޕޫރު ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ. ފިލްމްގައި އޭނާ ކުޅެނީ ސޯނަމްގެ ބައްޕަގެ ރޯލެވެ. ސޯނަމް ބޮލީވުޑަށް ތައާރަފްވެފައި ވަނީ ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރާ އެކު "ސާވަރިއާ" އިންނެވެ.
ޔާޝްރާޖުން ބުނި ގޮތުގައި ސޯނަމް އާއި އަޔޫޝްމަން ލީޑް ރޯލް ކުޅޭ ފިލްމްގެ ސްކްރީންޕްލޭ ތައްޔާރުކޮށް ދީފައި ވަނީ އެ ކުންފުނީގެ ކާމިޔާބް ފިލްމްތައް ކަމަށްވާ "ބޭންޑް ބާޖާ ބާރާތު" އާއި "އިޝަގްޒާދޭ" ގެ ސްކްރީން ރައިޓަރު ހަބީބް ފައިޒަލް އެވެ.
މި ފިލްމްގެ ޝޫޓިން ފެށުމަށަ ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެވެ. އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާނެ ތާރީހެއް ޔާޝްރާޖުން އަދި ނުނިންމަ އެވެ.