ސީޒާ އެޓޭކެއް ޖެހިގެން އަވަސް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދަނިކޮށް ޓްރެފިކްގައި ޖެހުމުގެ ސަބަބުން ގޮތް ހުސްވެގެން އާދޭސް ކުރަމުން ދިޔަ މަންމައެއްގެ އަޑު އަހައި އެ ތުއްތު ކުއްޖާ އަތްދަޑިމަތިން އޭޑީކޭގެ އިމަޖެންސީއަށް ގެންދިޔަ ލާންސްކޯޕްރަލް މުހައްމަދު ރިފާއު އާއި އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ބައްދަލުކޮށް ހިދްމަތުގެ އަގު ވަޒަން ކުރައްވައިފި އެވެ.
ރިފާއު އާއި އެކްޓިން ކަމިޝްނާ ނަވާޒު ބައްދަލުކޮށް އަގު ވަޒަން ކޮށްފައިވާ އިރު އޭނާއަށް އެތައް ބަޔަކު ދަނީ ތައުރީފްކޮށް ޝުކުރު ދަންނަވަމުންނެވެ. އެގޮތުން ސިޔާސީ ފަރާތްތަކާއި އާއްމު ރައްޔިތުން ދަނީ ހެޔޮ ބަސްތައް ރިފާއުއަށް އަރިސް ކުރަމުންނެވެ.
އެންމެ 4 އަހަރުގެ ތުއްތު ކުއްޖަކަށް ރިފާއު ވެދެއްވި އެހީތެރިކަން ފާހަގަ ކުރަމުން އެކުއްޖާގެ މަންމަ ބުނެފައިވަނީ މި ހިދްމަތުގެ ހަނދާން ދުވަހަކުވެސް ފިލައިގެން ނުދާނެކަމަށާއި އެހީ ބަޠަލެއް ކަމަށެވެ.
އެ ތުއްތު ކުއްޖާގެ މަންމަ ބުނެފައިވަނީ އެކުއްޖާ ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދަނިކޮށް ޓްރެފިކްގައި ޖެހިގެން ގޮތް ހުސްވުމުގެ ސަބަބުން ނިކުމެ އެތައް ބަޔަކަށް އާދޭސް ކުރިކަމަށެވެ. ނަމަވެސް އެސަރަހައްދުން އެއްވެސް ބަޔަކު އެހީ ނުވި ކަމަށާއި އެކުއްޖާއަށް އެހީތެރިވީ އެމަގުން ދިޔަ ޓްރެފިކް ފުލުހެއްކަމަށްވާ ރިފާއު ކަމަށެވެ.
ގިނަ ބައެއްގެ ތައުރީފް ރިފާއުއަށް އޮހެން ފެށީ އެކުއްޖާގެ މަންމަ އެ ފުލުސް މީހާއަށް ޝުކުރު ދަންނަވައި އޭނާ ހޯދުމަށް ސޯޝަލް މީޑިއާގައި އެވާހަކަ ޖެހުމުންނެވެ.