Last Updated: April 19, 11:00
Friday, April 19, 2024
ޚަބަރު

އެޗްއާރްއެޗްގެ "ނުތާހިރު" ފާހާނާ ފައިސަލް ސާފުކޮށްފި

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފާހާނާ ނަޖިސްކޮށް ހުރުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް ގޮސް އެ ފާހާނާ ސާފުކޮށްފިއެވެ.

ކައުންސިލަރު ފައިސަލް އަމިއްލަ އިސްނެންގެވުމަކަށް ގޮސް ހޮސްޕިޓަލުގެ ފާހާނާ ސާފުކޮށްފައިވާއިރު، އެތަން ނަޖިސްކޮށް ހުންނާތީ އެކަމާއި ގުޅިގެން އާއްމު ރައްޔިތުން ޝަކުވާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

މިކަމާއި ގުޅޭގޮތުން ކައުންސިލަރު ފައިސަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އެހެން ނަމަވެސް ފައިސަލް އިސްނަންގަވައިގެން މިފަދަ ކަމެއް ކުރެއްވީތީ، ގިނަ ބަޔަކު ދަނީ އެބޭފުޅާއަށް ތައުރީފްކޮށް ވާހަކަ ދައްކަމުންނެވެ.

ހޮސްޕިޓަލުގެ ފާހާނާ ނަޖިސްކޮށް ހުންނާތީ، އެކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި އައްޑޫގެ ގިނަ ބައެއްގެ މެދުގައި ބަހުސް ކޮށްފައިވެއެވެ.

އެގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހިތަދޫ ހޮސްޕިޓަލުގެ ފާހާނާ "ޓޯކިޔޯ ފެންވަރަށް" ތަރައްގީ ކުރީތޯ ސުވާލު އުފެއްދިއެވެ. އަދި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، ހިތަދޫ ހޮސްޕިޓަލުގެ ފާހާނާ ސާފުކުރަންވީ ރައީސް ޔާމީން ތޯ ސުވާލު އުފައްދާފައެވެ.

ހިތަދޫ ހޮސްޕިޓަލުގެ ފާހާނާގެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނީ އެތަނުގެ އިސްވެރިންނަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފާހާނާ އެގޮތަށް ހުންނަން ޖެހެނީ، އިސްވެރިންނަށް އެމީހުންގެ ޒިންމާ އަދާނުކުރެވޭތީ ކަމަށެވެ.