Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ވިލާގެ ރަށްތަކުގެ ހުކުމް؛ ސަރުކާރަށް ހަޖަމުވާނެތަ؟

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރަކީ، ހަމަގައިމުވެސް ސަރުކާރަށް ބަލައިގަންނަން އުނދަގޫ އަމުރަކަށް ވާނެއެވެ. ސިޔާސީ ގޮތުން ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ 5 ރަށެއް ސަރުކާރުން އަތުލާފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ ކުޑަކަމެއް ނޫނެވެ.

ގާސިމް އިބްރާހިމްގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން ބާތިލްކޮށް، އެތަންތަން ސަރުކާރުން އަތުލީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލަ ވިލާ ކުންފުނިން ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން ހުކުމް ކުރީ ވިލާ އާއި އެއްކޮޅަށެވެ.

އެހެން ނަމަވެސް ހައި ކޯޓުން ވަނީ 2017 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމްތައް ބާތިލްކޮށް، އެ ފަސް ރަށް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލަ ވިލާއިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ހައި ކޯޓުގެ ހުކުމްތައް ބާތިލްކޮށް، ވިލާގެ ރަށްތައް ސަރުކާރުން އަތުލީ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ.

މި މައްސަލަ ސަރުކާރަށް، އަދި ވިލާއަށް ވެސް މުހިއްމުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މި 5 ރަށަކީ، ވިލާ ކުންފުނިން ދައުލަތަށް 188 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުންހުރި ރަށްތަކެވެ.

ވިލާއަށް ދޫކޮށްފައިވާ 5 ރަށަކީ، އެކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން ދޫކޮށްފައިވާ ރަށްތަކެކެވެ.

ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ވިލާއިން ފައިސާ ހޯދުމަށް މީރާއިން ކޮށްފައިވާ ދައުވާތަކުގެ އެއްވެސް އަސާސެއް މިހާރު ނެތް ކަމަށް ވިލާގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގައި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާއި މެދު އަމަލުކުރާނެ ގޮތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިރޭ، ސަރުކާރުން ސުޕްރީމް ކޯޓުގެ ފުރާޅުން "ޓިނު ނައްޓަފާނެ"އެވެ. އަދި އަނެއްބަޔަކު ބުނާ ގޮތުގައި މިރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ވެސް ކޮށްފާނެއެވެ.

މިފަދަ ތޯތޯ ވާހަކަތައް ގިނަވެފައި މިވަނީ، ބެލެވޭ ގޮތުގައި 1 ފެބްރުއަރީގެ އަމުރަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތީއެވެ.

އެފަހަރު ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު، ވިލާ އާއި އެއްކޮޅަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމް ފަހަރެއްގައި ސަރުކާރުން ތަންފީޒު ކުރަން ދެކޮޅު ހަދާފާނެއެވެ.