Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

"އަމުރަށް ފަހު ނަޝީދަކީ މުޖުރިމެއް ކަމަށް ނުބުނެވޭނެ"

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ، އަބްދުލް ބާރީ ޔޫސުފް: ފޮޓޯ - އަވަސް

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުއްވި އަމުރަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މުޖުރިމެއް ކަމަށް އެކަކަށްވެސް ނުބުނެވޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ބާރީ މިހެން ވިދާޅުވެފައި ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ބާރީ ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށްފަހު، ރައީސް ނަޝީދަކީ މުޖުރިމެއް ކަމަށް އެއްވެސް މީހަކަށް ބުނެވިގެން ނުވާނެ ކަމަށެވެ.

އަދި އިއްތިފާގިއްޔާ އަށްވުރެ އަގުލަބިއްޔާ ބަލިކަށިވާނެ ކަމަށްވެސް ބާރީ ވިދާޅުވެފައިވެއެވެ.

އަމުރާ ގުޅިގެން މީގެ ކުރިން ގާޒީ ބާރީ ވިދާޅުވީ، ދަށު ކޯޓުތަކުގެ ހުކުމްތަކާ އަމުރުތަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކޮށްގެން އެއާ މެދު ވާހަކަ ދެއްކިދާނެ ކަމަށާއި އެހެން ނަމަވެސް އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒު ކުރުމަށްޓަކައި ބަހުސްކޮށް ޖަދަލު ކުރުމަކީ އެއްވެސް ޝަހުސަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

އަދި އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމުން ދެން ނިކުންނަ ނަތީޖާއަކީ އެ ހުކުމްތަކާއި އަމުރުތައް ތަންފީޒުނުކުރުމަށް ދައްކާ އުޒުރަކަށް އަދި ބަހަނާއަކަށް ވެގެން ނުވާނެ ކަމަށްވެސް ބާރީ ވިދާޅުވިއެވެ.

މިހާރު ޖުވެނައިލް ކޯޓްގެ ގާޒީކަން ކުރައްވާ ބާރީ ވަނީ، ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައި ތިބި އެންމެތަކުން ތަބާވުމަށް ގޮވާލުމުގެ އިތުރުން ހުރިހާ ކޯޓަކުން ބަޔާން ނެރުމަށް އެ ކޯޓުތަކަށް ވެސް ގޮވާލައްވާފަ އެވެ.