Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑުން ބޯންމައުތު ބަލިކޮށްފި

ޔުނައިޓެޑުގެ ދެވަނަ ލަނޑަށްފަހު ލުކާކޫއާ ޕޮގްބާ އުފާ ފާޅުކުރަނީ: ފޮޓޯ - ރޮއެޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެން ޔުނައިޓެޑާއި ބޯންމައުތް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-2 އިން މޮރީނިއޯގެ ޓީމު ކާމިޔާބުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް މޮރީނިއޯއަށް ކުރިމަތިވެފައިވަނިކޮށް އޭނާ ވަނީ ރޭގެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެފްއޭ ކަޕުގެ ސެމީ ފައިނަލް މެޗު ކުރިއަށް އޮތުމުން މޮރީނިއޯގެ ބަދަލުތައް އެމެޗަށް ވެސް ބަލާފައި ގެނެސްފައިވާ ކަމަށް ބެލެވެއެވެ.

ރޭގެ މެޗު މޮރީނިއޯ ފެށީ އޭގެ ކުރީ މެޗުގައި ކުޅެން ނިކުތް 7 ކުޅުންތެރިންނާ ނުލައެވެ. ޑެހެއާ، ސްމޯލިން، ޕޮގްބާ އަދި އެންޑަ ހެރޭރާ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިންނަށް މޮރީނިއޯ ވަނީ އަރާމު ކުރުމަށް ފުރުސަތު ދީފައެވެ.

މެޗު ފެށިގެން ފުރަތަމަކޮޅުވެސް ޔުނައިޓެޑުން ވަނީ ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯންމައުތްގެ ޑިފެންސް ވަނީ ރޭގައި ރަނގަޅަށް އަތުރާލާފައެވެ. ނަތީޖާއެއްގެ ގޮތުގައި ޔުނައިޓެޑުގެ ޒުވާން، ހަލުވި ފޯވާޑުންނަށް ވަނީ ބޯންމައުތް ގޯލާ ކުރިމަތިލާން ދަތިތަކެއް ދިމާ ވެފައެވެ.

މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 30 ވަނަ މިނެޓު ޖެސީ ލިންގާޑް އޭރިޔާ ތެރެއިން ހުރަސްކޮށްދިން ބޯޅައެއް ހުސްކޮށް ސްމޯލިންގ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސްމޯލިން އެންމެ ފަހަކަށް ކުޅުނު ތިން އެވޭ މެޗުން ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ.

ފަހު ހާފުގައި ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ލުކާކޫއެވެ. ލުކާކޫ ވަނީ ރޭގެ ލަނޑާއެކު އޭނާގެ ކެރިއަރުގައި އެންމެ ގިނަ ގޯލު ޖެހި ސީޒަނަށް 27 ގޯލާއެކު މިސީޒަން ހަދާފައެވެ. މިއީ ލީގުގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ.