Last Updated: March 28, 13:45
Thursday, March 28, 2024
ޚަބަރު

އިންތިޚާބުގެ ކުރިން ސިޔާސީ މައިދާން ހަމައަކަށް އަޅުވަން ޖެހޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ސިޔާސި މަސްރަހު ހަމައަކަށް އެޅުވުމުން ނޫނީ އިންތިޚާބު މިނިވަން ނުވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ އިންތިޚާބުތަކާ ގުޅޭ އިދާރާ، "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" ގެ ފަރާތުން ރާއްޖެއަށް މިދިޔަ ޖެނުއަރީ މަހު ކުރި ދަތުރަށް ފަހު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން އިންތިޚާބާ ގުޅޭ ކަންތައްތައް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އިންތިޚާބީ ނިޒާމު ހަރުދަނާ ކުރުމަށް ސިޔާސީ ފަރާތްތަކުން ވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެކަމަކީ ބޭރުގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މާބޮޑު އިސްކަމެއް ދީފައިނުވާ ކަމެއް ކަން ފާހަގަކުރަމުން، އީޔޫގެ ވަފުދުން ވަނީ އިންތިޚާބީ ނިޒާމު ހަރުދަނާ ކުރުމަށް ގޮވާލާފައެވެ.

އަދި މިހާރު ރާއްޖެއަށް ސިޔާސީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ސިޔާސީ މިނިވަންކަން ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް އީޔޫ އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ. ވަކި ފަރާތްތަކަށް ކެމްޕޭނު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބިގެންދަނީ ވަކި ހިސާބަކަށް ކަމަށާއި އެފަދަ ކަންކަމަކީ އިންތިޚާބު ތަކަށް އަސަރުކުރާނެ ކަންތައްތައް ކަން އީޔޫއިން ފާހަގަކުރެއެވެ.

ބެލެވޭ ގޮތުގައި އީޔޫއިން ފާހަގަކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ފުލުހުންގެ ހުރަސް އެޅުމާއި ބާރުގެ ބޭނުން ކުރުމާއި، ސަރުކާރުން ބާއްވާ ހަރަކާތްތަކަށް ފުލުހުންގެ މަދަދާއި ރައްކާތެރިކަން ލިބުން ކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެކަން މީގެ ކުރިންވެސް ބައިނަލް އަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

އީޔޫ އިން މިގޮތަށް ބަޔާން ނެރެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މިވަގުތު ރާއްޖޭގެ ހާލަތު އޮތީ އިންތިޚާބު ނުބޭއްވޭ ހާލަތެއްގައި ނޫން ކަމަށާއި، މިނިވަން އިންތިޚާބަކަށް ހުރަހެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އާ ރައީސްއަކީ ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރަކާތްތަކާއި ރައީސް ޔާމީން އިންތިޚާބުގައި ހޮވުމަށް ދާދި ފަހަކާ ޖެހެންދެންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަން ފާހަގަކޮށްލެވެއެވެ.

އެމަނިކުފާނު އަމިއްލައަށް އިންތިޚާބު މިނިވަން ވާނެ ކަމަށް ވިދާޅުވި ނަމަވެސް ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި އެފަދަ ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރުމުން އިންތިޚާބަށް އަސަރު ކުރާނެ ކަމަށެވެ.