Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ޖޯން އަބްރަހަމް ވެސް "ރޯ" ދޫކޮށްލައިފި

ޑައިރެކްޓަރު ރޮބީ ގެރްވާލްގެ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އަށް އަނެއްކާ ވެސް އަނެއް މައްސަލަ އެވެ. ދެހާސް ސޯޅައިގައި އިއުލާން ކުރި މި ފިލްމަށް ސޮއި ކުރާ ބަތަލަކު ހަރުލާ ގޮތެއް ނުވެ އެވެ. މާ ސުންޕާ ފިލްމަކީ ތޯއްޗެކެވެ.

ސުޝާންގް ސިންގް ރާޖްޕޫތު ދޫކޮށްލި ފިލްމަށް މިދިޔަ މަހު ޖޯން އަބްރަހަމް، ސޮއިކޮށް އަންނަ ޖޫން މަހުގެ 1 ގައި ޝޫޓިން ފަށާނެކަން އިއުލާންކޮށްފައި ވަނިކޮށް އޭނާ ވެސް ފިލްމް ދޫކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޯން "ރޯ" ދޫކޮށްލީ އަންނަ މަހުގެ 11 ގައި ރިލީޒް ކުރާ އާލިއާ ބަޓްގެ ފިލްމް "ރާޒީ" ގެ ކޮންސެޕްޓާ "ރޯ" ގެ ކޮންސެޕްޓް އެއްގޮތްކަން ފާހަގަ ކުރެވިގެންނެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ "ރާޒީ" ގައި ކިޔައި ދެނީ ޕާކިސްތާންގެ ސިފައިންގެ މީހަކާ ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ އަންހެން ޖާސޫސެއްގެ ވާހަކަ އެވެ.

"ރޯ" ބިނާކޮށްފައި ވަނީ ޕާކިސްތާންގެ އަސްކަރިއްޔާ އަށް ވަދެ، އެ ގައުމުގެ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ މައުލޫމާތުތަކެއް ހޯދާ އިންޑިއާގެ ޖާސޫސެއްގެ ވާހަކަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޖޯން "ރޯ" ދޫކޮށްލީ "ރާޒީ" ޓްރެއިލާ ބަލައިފައި، ދެ ފިލްމްގެ ވާހަކައިގައި ހުރި އެއްގޮތްކަން ބޮޑުކަން ފާހަގަ ކުރެވިގެންނެވެ.

މިކަމާ ގުޅިގެން އޭނާ ފިލްމް ދޫކޮށްލަން ނިންމުމުން އޭގެ ޓީމުން ސްކްރިޕްޓަށް ބައެއް ބަދަލުތަކެއް ގެންނަން ވެސް އުޅުނު ކަމަށްވެ އެވެ. އެކަމަކު ސްރިޕްޓަށް ކުދިކުދި ބައެއް ބަދަލުތައް ގެނަޔަސް، ފިލްމްގެ މައިގަނޑު ވާހަކަ އަށް މާ ބޮޑު ބަދަލެއް ނާންނެތީ ޖޯން ފިލްމް ނުކުޅެން ނިންމީ އެވެ.

މިކަމާ ބެހޭ ގޮތުން "ރޯ" ގެ ޓީމްގެ ބައެއް މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ޖޯން ފިލްމް ދޫކޮށްލީ ނޫން ކަމަށާއި އޭނާ ލައިގެން ފިލްމް ނަހަދަން ނިންމީ ކަމަށެވެ.

ސަބަބަކީ "ރޯ" އަކީ 40-45 ކްރޯޑް ރުޕީސްގެ ބަބެޓަކުން އުފައްދާ ފިލްމަކަށްވެފައި، ޖޯންގެ މާކެޓް ވެލިއު އަށް ބަލާ އިރު، އޭނާއާ އެކު ފިލްމް ހަދައިގެން ހަރަދު ކަވަރު ނުކުރެވޭނެ ކަމަށް "ރޯ" ގެ ޓީމަށް ގަބޫލު ކުރެވުމެވެ. ރިޕޯޓްތައް ބުނާ ގޮތުން "ރޯ" އަށް ޖޯން އެއްބަސްވީ 11 ކްރޯޑް ރުޕީސްއަށެވެ.

އެހެންވެ މި ވަގުތަށް "ރޯ" ނަހަދަން ނިންމައި ފަސްކޮށްލުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ފިލްމް ހަދާނީ މަޝްހޫރު އޭ ލިސްޓް ތަރިއަކު ފިލްމްގެ ލީޑަށް ގެނެސްގެން ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޖޯން ފިލްމް ދޫކޮށްލި ވާހަކައަކާ އެކު، ރިތިކް ރޯޝަނަށް ފިލްމް ހުށަހެޅި ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވެ އެވެ.

ޖޯން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 4 ގައި ރިލީޒް ކުރާ "ޕަރްމަނޫ" އިންނެވެ. އަދި އޭނާ އަންނަނީ މިލަޕް ޒަވޭރީގެ ސަތިއަމޭވް ޖަޔަތޭ (އެސްއެމްޖޭ) ގެ މަސައްކަތް ވެސް މިހާރު ކުރަމުންނެވެ.