ފުލުހުންގެ ޚިދުމަތަކީ މަތިވެރި، ޝަރަފުވެރި، ބޮޑު އަމާނާތެއް އެކުލެވިގެންވާ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަކުރައްވައި، ފުލުހުންގެ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފުލުހުންގެ މި ޚިދުމަތަކީ ކޮންމެ ފަހަރަކު ތައުރީފު ލިބޭނެ ޚިދުމަތެއްކަމަށް ދުށުން މިއަދު ހުއްޓާލަންޖެހޭ ކަމަށާއި، ފުލުހުންގެ މަސައްކަތަކީ އޭގެ މުޤާބިލުގައި ތަޢުރީފު ޙައްޤު ނުވިނަމަވެސް، އެއަށްވުރެ ވަރުގަދަ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރަން މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބައެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުން އުފެދިގެން އައީ ހަމަނުޖެހުންތަކެއްގެ ތެރެއިން، އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ފުލުހުން އުފެދިގެން އައި ދުވަސްވަރާއި މިއަދާ އަޅައިބަލާއިރު ފުލުހުން އުފެދިގެން އައި ހާލަތަށް ކުރިއެރުމެއް އައިސްފައިވޭތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ މަދު ފުލުހަކު ކުރާ ޤާނޫނާ ޚިލާފު ކަމަކުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމުވެ ލައްގަނޑެއް ޖެހިދާނެކަމުގައި ވިދާޅުވެ އެކަންކަމަށް ސަމާލުވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އަދި ފުލުހުން މެދުވެރިކޮށް ސިޔާސީ ފަރާތްތަކުން ކުރަން ޚިޔާލުކުރާ ކަންތައްތަކަށް ޖާގަ ނުދީ، ހަރުދަނާކަމާއެކު ސާބިތުކަންމަތީ ފުލުހުން ތިބުމަށް ވެސް ރައީސް ޔާމީން ވަނީ ފުލުހުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރީތި ނަން ހޯދާދީފައިވާ ފަރާތަކަށާއި، 25 އަހަރަށްވުރެ ދިގު މުއްދަތަށް އެ މުއައްސަސާއަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވިއެވެ.