ސިޔާސީ 9 ގައިދީއަކު މިނިވަން ކުރުމަށް ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަކީ އެ އަމުރު ތަންފީޒު ކުރާނެކަމުގެ ސިގްނަލް ކުރިން ލިބިގެން ނެރުނު އަމުރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 85 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެބްރުއަަރީ 1 ގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ދުރާލާ އެ ސިގްނަލް ބަޔަކު ދީފައި ނެތްނަމަ، އެއްގޮތަކަށް ބަޔަކަށް ކަންތައްތަކެއް ނުކުރެވުނީސްކަމަށެވެ.
ރައީސް ވިދާޅުވީ މިއަމުރުގެ ކުރިންވެސް ސިޔާސީ މަސްރަހުގެ ކަންކަމުގައި ބައެއް ފުލުހުންގެ އަތެއް ހިމެނިފައިވާ ކަމަށެވެ.
ފުލުހުންނަކީ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވާން ޖެހޭ ބައެއް ނޫންކަމަށާއި، ރައްޔިތުންގެ ތާއިދު ހޯދުމަށް ފުލުހުން މަސައްކަތް ކުރަން ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ގާނޫނު ނަގަހައްޓައި ގާނޫނު ތަންފީޒު ކުރަން ޖެހޭ ބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުލުހުންނަކީ ރާއްޖޭގެ ރައީސްކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ބަލަން ޖެހޭ ބައެއް ނޫންކަމަށާއި ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ރައީސަކަށް އެއްވެސް ބަޔަކަށް ދަތިކުރުމަށް ފުލުހުން ފުރުސަތު ދީގެން ނުވާނެކަމަށެވެ.