ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އޭދަފުށީގައި ހުންނަ އެ ބޭންކުގެ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަަށް ބަދަލުކޮށް، ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
އޭދަފުށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ އާ ބްރާންޗާއި ސެލްފް ސާވިސް ސެންޓަރު ހުޅުވައިދެއްވީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ އެވެ. އެ ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން މުއައްސަސާތަކުގެ އިސް ވެރިން ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭދަފުށްޓަކީ ވިޔަފާރި އާއި އިގްތިސާދި ގޮތުން ބަލާއިރު ބ. އަތޮޅުގެ މައި ރަށަށް ވުމާ އެކު މި އިންވެސްޓްމަންޓްތަކުގެ ފައިދާ އޭދަފުށްޓާއި ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ އޭދަފުށީގައި ބީއެމްއެލްގެ އާ ބްރާންޗް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މިމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައި ކަމަށެވެ.
ބީއެމްއެލް ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް އާންމުންގެ އިތުރުން ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ޚިދުމަތް ދޭ ކުންފުނިން، 20 އަތޮޅުގައި 34 ބްރާންޗާއި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 95 އޭޓީއެމް އޮޕަރޭޓް ކުރެ އެވެ. އަދި 5،000 ޕީއޯއެސް މާޗަންޓުންނާއި، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ދެއެވެ.