ހުޅުދޫގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ. އައްޑޫލައިވްއަށް އެގިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މީދޫ ކަނީރުމާގެ، ހާލިސް އާއި ހާލިސާ އަދި ހުޅުދޫ އަލަމާގެ އާތިފްއަށެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިގަން ދިމާވީ ހާލިސާ އާއި ހާލިސް ހެރެތެރެއަށް ދާން އޮންނަ ދިގުމަގަށް ނިކުށް ވަގުތު ހުޅުދޫ އަޅިވިލާމަގުން އިރުން ހުޅަގަށް ދުއްވާފައިދިޔަ ސައިކަލްގައި ޖެހިގެންނެވެ.
މިހާދިސާގައި އާތިފްއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ހާލިސް ދުއްވި ސައިކަލްގެ ފަހަތުގައި އިން ހާލިސާއަށް ވަނީ ބޮޑަށް އަނިޔާވެފައެވެ. އަދި އޭނާ އިތުރު ފަރުވާއަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެވިފައެވެ.
މިހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.