Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

މާލެ އާއި ވިލިމާލެ ސާފުކޮށް ބަލަހައްޓަން ވެމްކޯ އަށް

ވެމްކޯ އިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

މާލެ އާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި އާންމު ތަންތަން ކުނި ކަހައި ސާފުކޮށް ކުނި ނެގުމާއި މެނޭޖުކުރުމުގެ ޚިދުމަތް ވޭސްޓް މެނޭޖްމެންޓް ކޯޕޮރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފި އެވެ.

މާލެ އާއިި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް ވެމްކޯ އާއި ހަވާލު ކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ޚާ ރަސްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރާއި ހައުސިން މިނިސްޓަރުގެ އިތުރުން ވެމްކޯގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި އާންމު ތަންތަން ކުނި ކަހައި ސާފުކޮށް ކުނި ނެގުމާއި މެނޭޖުކުރުމުގެ ހިދުމަތް ވެމްކޯއާ ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެހެންނަމަވެސް ހުރިހާ ސަރަޙައްދެއް ވެމްކޯ އާއި ހަވާލުކޮށް މުޅި ޚިދުމަތް ވެމްކޯގެ ދަށަށް ގެނެސް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ވެމްކޯ އާއި ހަވާލުކުރާނީ ދެ ލެވެލް އެއްގެ ޚިދުމަތް ދޭ ތަންތަން ކަމަށެވެ.

އެގޮތުން ކަނޑައެޅިފައިވާ ލެވަލްތަކާއި ތަންތަނަކީ:
1. ކުނި ކަހައި ސާފުކޮށް އެކުނި ކަލެކްޓްކޮށް މެނޭޖްކުރަން ޖެހޭ ތަންތަން.
2. އެތަނަކާ ހަވާލުވެފައިވާ ފަރާތަކުން ކުނިކަހާ ސާފުކޮށް، ކަނޑައެޅިފައިވާ އުސޫލުގެ މަތީން، ވަކިތަނަކަށް ޖަމާކުރުމުން، އެކުނި ނަގާ މެނޭޖްކުރަންޖެހޭ ތަންތަން.

މީގެ އިތުރުން ވެމްކޯއިން ޚިދުމަތް ދޭންވާނީ ހައުސިން މިނިސްޓްރީން މަގުމަތި ބޭނުންކުރުމާ ގުޅޭގޮތުން އެކުލަވާލަފައިވާ ޤަވާއިދުތަކާއި، ކަނޑައަޅާފައިވާ މިންގަނޑުތަކާ، އެންވަޔަރަންމަންޓް މިނިސްޓްރީން ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފުނުވާނެ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިއެއްބަސްވުމުގެ ދަށުން ވެމްކޯއިން މަސައްކަތް ކުރަން ޖެހޭނީ ދިވެހި މުވައްޒަފުން ލައިގެން ކަމަށްވާއިރު، ކޮންމެ ދުވަހަކު ކުނި ކަހާ ސާފުކުރަން ޖެހޭނެ ކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.

އަދި ވެމްކޯއިން މި ޚިދުމަތް ދޭންވާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.