މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގިނަ ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ނޫސް ބަޔާނެއް ނެރުމާއި ގުޅިގެން ސަސްޕެންޑް ކުރި ހއ. ދިއްދޫ ކައުންސިލަރުންނާއި ލ. މާމެންދޫ ކައުންސިލަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނިކުތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިއެމޓީ (އެލްޖީއޭ) އިން އެއްމަސް ދުވަހަށް ސަސްޕެންޑް ކުރި މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ހަބީބް އާއި ކައުންސިލަރު ޔޫސުފް އިރުފާން އޮފީހަށް ނިކުމެފައިވަނީ އިއްޔެ އެވެ.
ސަސްޕެންޝަނަށްފަހު އެދެބޭފުޅުން އޮފީހަށް ނިކުތުމުން އެރަށު އަންހެންވެރިން ވަނީ އެދެބޭފުޅުންނަށް ހޫރު މަރުހަބާއެއް ކިޔައި މާފަތިވެސް އަޅުވާފަ އެވެ.
މީގެ އިތުރުން އެލްޖީއޭ އިން އެއްމަސް ދުވަހަށް ސަސްޕެންޑް ކުރި ދިއްދޫ ކައުންސިލް ރައީސް އަލީ ހާޝިމް އާއި ނައިބު ރައީސް މުހައްމަދު ހާޝިމް އަދި އެ ރަށުގެ އިތުރު ދެ ކައުންސިލަރުން އޮފީހަށް ނިކުމެފައިވަނީ މިއަދު އެވެ. އެބޭފުޅުންނަށްވެސް ވަނީ އެރަށުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ނޫސް ބަޔާން ނެރުނު ގިނަ ކައުންސިލަރުންތައް އެލްޖީއޭއިން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސޯދިގް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ ވެސް ހިމެނެއެވެ.