Last Updated: March 29, 16:28
Friday, March 29, 2024
ރިޕޯޓް

ހޮސްޕިޓަލް ހުޅުވާ ތާރީޚު އަރަތަކަށް!

އައްޑޫގައި ހުރި ކޮންވެންޝަން ސެންޓަރ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުގެ އެކި ވުޒާރާތަކުން ދައްކާ ވާހަކަ އަޑު އަހާފައި ބޮލަށް އެނބުރުން އަރައިގެން އެވާހަކަ މީހުން ދައްކަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އައްޑޫ ހޮސްޕިޓަލާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅަކާއި ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު ދައްކަވާ ވާހަކަފުޅެއް ދިމައެއް ނުވެއެވެ. ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވާ އެއްޗަކާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ދައްކަވާ ވާހަކަފުޅު ވެސް ދިމާވާ ގޮތެއް ނުވެއެވެ.

އެންމެ ފުރަތަމަ ހެލްތު މިނިސްޓަރ މުހައްމަދު ނާޒިމް އާއި ހިސާބުން ފަށަމާ ހިނގާށެވެ. ނާޒިމް މީގެ ކުރިން ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް 2018 ވަނަ އަހަރުގެ މެއި މަހު ނިމިގެންދާނެ ކަމަށެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނިކޮށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ހޮސްޕިޓަލްގެ މަސައްކަތް ނިމޭނީ 2018ގެ ޖުލައި މަހަށް ކަމަށް ވިދާޅުވެފައެވެ.

މި ދެބޭފުޅުންގެ ވާހަކަތައް ތަފާތުވި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހޮސްޕިޓަލް ހުޅުވާނީ މިއަހަރު މެދުތެރޭގައި ކަމަށް ވިދާޅުވުމުން ގިނަ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ލިބިފައެވެ. އެ ހަމަޖެހުމުގައި ތިއްބައި، ހެލްތް މިނިސްޓަރ ނެރުއްވި ބަޔާނެއްގައި މިއަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.

އެ ބަޔާނަށް މަސް ދުވަސް ވެސް ނުވަނީސް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު އަނެއްކާވެސް ތާރީޚެއް ދެއްވައިފިއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަފީގު ހުސެއިން އާއި ހަވާލާދީ 'ވަގުތު' ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރަށް ހޮސްފިޓަލް ނިންމުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮސްޕިޓަލް ހުޅުވާ ތާރީޚް އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި އޮތް އިރު އައްޑޫ ރައްޔިތުންނަށް ޔަގީންވާ ހަމައެކަނި ކަމަކީ، ހޮސްޕިޓަލް ހުޅުވުން ލަސްވަމުންދާ ކަމެވެ.

ހޮސްޕިޓަލް ހުޅުވުމަށް ތާރީޚަކަށް ފަހު ތާރީޚެއް ދެމުން ގެންދާއިރު، ރައީސް ޔާމީނަށް ވަކި ތާރީޚެކެވެ. ޑރ. މުޢިއްޒަށް އަދި މިނިސްޓަރ ނާޒިމަށް ވަކި ތާރީޚެކެވެ.

މިއިން ކޮންމެ ބޭފުޅަކު މިދައްކަވަނީ ވަކި ހޮސްޕިޓަލެއްގެ ވާހަކަ ހެއްޔެވެ؟