Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

މުސްލިމަކަށް ނުވިޔަސް ވޯޓް ލެވޭ ގޮތަށް ހަދަން ހުށައަޅައިފި

ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމް ދީން ގަބޫލުކޮށްގެން ހުރި މުސްލިމަކަށް ވާން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ހުށައަޅައިފިއެވެ.

އީޔޫގެ އިންތިޚާބުތަކާ ބެހޭ އިލެކްޓޯރަލް ފްލޯއަޕް މިޝަނުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ކުރި ދަތުރަށްފަހު ޝާއިއު ކުރި ރިޕޯޓުގައި އިންތިޚާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކުރިއިރު، މުސްލިމަކަށް ނުވާ ނަމަ ވޯޓު ނުލެވޭ ގޮތަށް އޮތް އޮތުން ފާހަގަކޮށް، އެކަން ބަދަލުކުރުމަށް ހުށައަޅާފައިވެއެވެ.

މި ހުށައެޅުމުގައި ވަނީ އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުން މުސްލިމަކަށް ވުން ލާޒިމުވާން ނުޖެހޭ ކަމަށާއި، ވޯޓުލާ ރައްޔިތުންވެސް މުސްލިމަކަށް ވުން މަޖުބޫރު ނުކުރުމަށް ގާނޫނު ބަދަލުކުރުމަށެވެ. މިއީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމަކަށް ވި ނަމަވެސް ފަހަކަށް އައިސް މި ހިޔާލު ދިވެހި މުޖުތުމައުގައި ވަނީ އާންމު ވެފައެވެ.

އީޔޫއިން ހުށައެޅި ހުށައެޅުމުގައި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ސުންނީ މުސްލިމަކަށް ވާންޖެހޭ ކަމަށް އޮންނަ އޮތުން ބަދަލުކުރުމަށް ވެސް ވެއެވެ.

މީގެ އިތުރުން ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ކަމަށް ބުނެ އިސްލާމީ ޝަރީއަތުގައި ތަރިކަ މުދާ ބަހާ މިންގަނޑަށް ބަދަލު ގެނައުމަށްވެސް މި ގަރާރުގައި ވެއެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ވެސް ނުކުރުމަށް ގޮވާލާފައިވެއެވެ.

އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވާ ދީނީ އެއްބައިވަންތަކަމުގެ ގާނޫނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އެހެން ދީންތަކުގެ މީހުނަށް އަދަބު ލިބޭ ގޮތަށް ފަރުމާކޮށްފައި އޮތް ގާނޫނެއް ކަމަށް ބުނެފައިވެއެވެ.