Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އީޔޫގެ ބަޔާނަކީ ވަކި ބަޔަކު ބުނެގެން ނެރޭ އެއްޗެއް ނޫން"

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އދ. ފަދަ ޖަމިއްޔާތަކުން ނެރޭ ބަޔާންތަކަކީ ވަކި ސިޔާސީ ބަޔަކު ބުނެގެން ނެރޭ އެއްޗެއް ނޫންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ، ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމް ދީން ގަބޫލުކޮށްގެން ހުރި މުސްލިމަކަށް ވާން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް އީޔޫ އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އީޔޫ އާއި ޔޫއެން އިން ނެރޭ ބަޔާންތަކަކީ އެމީހުންގެ އަމިއްލަ ވިސްނުން ކަމަށެވެ.

މީގެ އިތުރުން އީޔޫ އިން ނެރުނު ބަޔާނުގައި ސަރުކާރުން ވައްކަމާއި އަނިޔާ ނުކުރުމަށް ބުނެފައި ނުވޭތޯ ނިޒާރު ވަނީ ސުވާލު ކުރައްވާފައެވެ. ނިޒާރު ވިދާޅުވީ، އިސްލާމްދީނުގައި ވެސް އެކަން އޮތީ އެހެން (އީޔޫގެ ބަޔާނުގައި އޮތް ގޮތަށް) ކަމަށެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ އީޔޫއިން މިއަދު ހުށައެޅި ގަރާރަކީ ދިވެހި ރާއްޖޭގައި ތަފާތު ދީންތަކަށް ފުރުސަތު ދިނުމަށް އިދިކޮޅުން ކުރުވި ކަމެއް ކަމަށް ބުނެ ޕީޕީއެމުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމުން ބުނެފައިވަނީ އީޔޫ އިން ބޭނުންވާ ގޮތަށް ހެދުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި މިރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް ގެނައުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ އެބޭފުޅުން މަރާލުމަށްފަހުގައި ކަމަށް ވެސް ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.