Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އަނދިރި އަނދިރިންނާއި، ކެނެރި އަނދިރިން އެނގިއްޖެ"

ޕީޕީއެމް ނޫސް ކޮންފަރެންސެއްގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އަދި ޕާޓީގެ ނައިބް ރައީސް އަބްދުއްﷲ އަބްދުއް ރަހީމް، ފޮޓޯ: މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރާއްޖޭން އިސްލާމް ދީނު ފޮހެލަން އުޅުނު އަނދިރި އަނދިރިންގެ ތަފާތެއް ނެތްކަން ފެނިއްޖެކަމަށް ވެރިކަން ކުރާ ޕީޕީއެމް ބުނެފިއެވެ.

ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމް ދީން ގަބޫލުކޮށްގެން ހުރި މުސްލިމަކަށް ވާން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަނުންއިން ހުށަހެޅުމާއި ގުޅިގެން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވީ "އަނދިރި އަނދިރިންނާއި ކެނެރި އަނދިރިންނަކީ" ކޮބައިކަން ދިވެހި ރައްޔިތުންނަށް އެނގިއްޖެކަމަށެވެ.

އަދުރޭ ވިދާޅުވީ އީޔޫގެ ހުށަހެޅުމަކީ ހަމަ ހުރެފައި އެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމެއް ނޫންކަމަށާއި، އެއީ އިދިކޮޅު ފަރާތްތަކުން އީޔޫއަށް ހުށަހެޅި ރިޕޯޓަށް ބިނާކޮށް ހުށަހެޅި ހުށަހެޅުމެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބަކީ ރައީސް ޔާމީނާއި އިދިކޮޅާއި ދެމެދު ބާއްވާ އިންތިހާބެއް ނޫންކަމަށާއި އެއީ އިސްލާމްދީނާއި ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ބޭރުގެ އެކި ޖަމާއަތްތަކުން ސަރުކާރަށް ޕްރެޝަރު ކުރާ ސަބަބު މިއޮތީ ފެންނަން ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެކަމަށެވެ.

މި ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާނު ވިދާޅުވީ އީޔޫގެ ވާހަކަތައް ހުރިހާ ޕާޓީތަކުން ކުށްވެރި ކުރަން ޖެހޭނެކަމަށާއި، އެހެން ނޫންނަމަ އެޕާޓީތަކާއި މެދު ގާނޫނުތައް ހަދައިގެން ނަމަވެސް ފިޔަވަޅު އަޅާނެކަމަށެވެ. އަދި "ފުރާނަ ބިންމަތިން" ވަކި ކޮށްފައި ނޫނީ އެކަން ނުކުރެވޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.