Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޔާމީންގެ ޝަރީއަތް ހުޅުވާލައިގެން ބާއްވަން އެދިއްޖެ

ޔާމީން ރިލްވާންގެ މަންމަ އާއި އެކު މުޒާހަރާއެއްގައި، ޔާމީންއަކީ ރިލްވާންގެ އެކުވެރިއެއް

ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު އައްޑޫގެ ޒުވާން ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދި ޔާމީންގެ އާއިލާ އާއި ބައެއް މަދަނީ ޖަމިއްޔާތަކުން ސަރުކާރުގެ އެކި މުވައްސަަސާ ތަކާއި ބައްދަލުކުރަން މަސައްކަތްކޮށްފިއެވެ.

ޔާމީން މަރާލިތާ އަހަރެއްވާން ކައިރިވެފައިވާ އިރު ޔާމީންގެ މަރުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޔާމީންގެ އާއިލާ އާއި ޑިމޮކްރަސީ ނެޓްވޯކް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ވަނީ ޕީޖީއާއި، އެޗްއާރުސީއެމް އަދި ފުލުހުންނާ ބައްދަލު ކުރަން އެދިފައެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކާއި ރަސްމީކޮށް ބައްދަލު ކުރެވިފައި ނުވެއެވެ.

ޔާމީންގެ އާއިލާ އަދި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މިއަދު ބުނީ އެފަރާތްތަކުން މިނިވަން މުވައްސަސާތަކާއި ބައްދަލު ކުރަން ދިޔައީ ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދާއިރު، އެ ޝަރީއަތް ދަނީ މިނިވަން އިންސާފުވެރިކަމާއި އެކުތޯ ޔަގީން ކުރުމަށްކަމަށެވެ.

ޔާމީންގެ މަންމަ ބުނީ އޭނާގެ ދަރިފުޅު މަރާލި މައްސަލަ ކުރިއަށް ދަނީ އިންސާފުވެރިކޮށްތޯ ބަލަން ބޭނުން ކަމަށެވެ.

ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ އިސްމާއީލު ހައިޝަމް ރަޝީދާއި، މ. އަންނާރުމާގެ، އަހުމަދު ޒިހާން އިސްމާއީލް، މ. އިރަސްމިކުގެ، މުހައްމަދު ދިފްރާން ގދ.ގައްދޫ/ސިންދުބާދުގޭ ، ހަސަން ޝިފާޒު، މ.ކުދެހިގެ، އިސްމާއީލު ރަޝީދް، މ.ތާއިފު، ހުސައިން ޒިޔާދު، އީސްޓު، މ. ކޮޅުފުށީ މައްޗަށެވެ.