Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"އީޔޫން ހުށައެޅީ އިދިކޮޅުން ބޭނުންވާ ގޮތް ހަދަން"

އަބްދުއްރަހީމް އަބްދުﷲ: - ފޮޓޯ: އަވަސް

ޔޫރަޕިއަން ޔޫނިއަންގެ އިލެކްޓޯރަލް މިޝަނުން ރާއްޖެއަށް މިއަހަރު ޖެނުއަރީ މަހު ކުރި ދަތުރަށްފަހު ހުށައެޅި ރިޕޯޓުގައި ރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުސަތު ދީފައިވަނީ އިދިކޮޅު ފަރާތްތަކުގެ ހުށައެޅުމަށް ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.

ދިވެހި ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރެވޭނީ ހަމައެކަނި މުސްލިމުންނަށް ކަމަށާއި އިންތިޚާބުގައި ވޯޓު ލެވޭނީވެސް ހަމައެކަނި މުސްލިމުންނަށް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކުރުމަށް އީޔޫއިން ހުށައަޅާފައިވާތީ ދީނީ އިލްމުވެރިންނާއި އާންމުގެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިދަނޑިވަޅުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން މި ކަމަކީ އިދިކޮޅު ފަރާތްތަކުންގެ އިރުޝާދުގެ މަތިން އީޔޫއިން ކުރި ކަމެއް ކަމަށް ބުނެ ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އެޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވަނީ މިހުށައެޅުމަކީ އިދިކޮޅު ފަރާތްތަކުން އީޔޫ އަށް ހުށައެޅި ރިޕޯޓުތަކަށް ބިނާކޮށް އާންމުކުރި ގަރާރެއް ކަމަށެވެ.

މުސްލިމުން ނޫން މީހުންނަށް އިންތިޚާބުގައި ބައިވެރިވުމާއި ވޯޓު ލުމުގެ ފުރުސަތު ދިނުމަށް އީޔޫއިން ގޮވާލާފައިވާއިރު އިސްލާމީ ޝަރީއަތުގައި ތަރިކަ މުދާ ބަހާ ގޮތަށް ބަދަލު ގެނައުމަށްވެސް ވަނީ ހުށައަޅާފައެވެ. އަދި އެއީ ނަސްލީ ތަފާތުކުރުން ނައްތާލުމަށް ކަމަށް އީޔޫއިން ބުނެއެވެ.