Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތެއް ނެތް: މަހްލޫފް

ދިވެހި ރާއްޖޭގައި އިސްލާމް ދީން ފިޔަވައި، އިތުރު އެހެން ދީނަކަށް ފުރުސަތު ދިނުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އެއްވެސް ސިޔާސީ ލީޑަރަކުން ހުށަނާޅާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު އީޔޫއިން ނެރުނު ގަރާރުގައި ރާއްޖޭގެ ގާނޫނުގައި މުސްލިމަކަށް ނޫނީ އިންތިޚާބުގައި ވާދަކުރުމާއި ވޯޓުލުމުގެ ފުރުސަތު ދީފައި އޮތް އޮތުން ބަދަލުކުރުމަށް ހުށައެޅުމާއި ގުޅިގެން، އެއީ އިދިކޮޅު ފަރާތްތަކުން ކުރުވި ކަމެއް ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ މިއީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެކަން ދޮގުކޮށް މަހްލޫފް ކުރި ޓުވީޓުގައި ވަނީ އެހެން ދީންތަކަށް ފުރުސަތު ދިނުމުގެ ސިޔާސަތެއް ނެތް ކަމަށާއި އެކަން ހުއްޖަތަކަށް ހަދައި ހަރާމް ހުކުމްތަކާއި އަނިޔާއާއި ވައްކަން ދިފާއު ނުކުރުމަށް ގޮވާލާފައެވެ.

އީޔޫ އިން ހުށައެޅި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނުގައި މުސްލިމަކަށް ނޫނީ ވޯޓު ލުމާއި އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ގޮތް ބަދަލުކުރުމަށް ލަފާ ދީފައެވެ. މީގެ އިތުރުން އިސްލާމީ ޝަރީއަތުގައި ތަރިކަ މުދާ ބަހާ ގޮތަށް ބަދަލު ގެނައުމަށް ވެސް ގޮވާލާފައިވެއެވެ.