Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

އަންހެނުންގެ ޑޮކްޓަރު ފޮނުވާލަން ނިންމައިފި

އަންހެނުންގެ ޑޮކްޓަރު ފޮނުވާލުމަށް ގޮވާލައި މިއަދު އެމްޑީޕީން ހޮސްޕިޓަލް ސަރަހައްދުގައި ކުރި މުޒާހަރާތރެއިން، ޑޮކްޓަރު ފޮނުވަލުމަށް މިހާރު ވަނީ ނިންމާފައި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި އަންހެނުންގެ ޑޮކްޓަރު ފޮނުވާލުމަށާއި އޭނާގެ ބަދަލުގައި އާ ޑޮކްޓަރަކު ގެނައުމަށް ގޮވާލައި މިއަދު ހޮސްޕިޓަލް ސަރަހައްދުގައި ބޭއްވި މުޒާހަރާއަށް ފަހު ޑޮކްޓަރު ފޮނުވާލަން ނިންމައިފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް(ސޯބެ) ވިދާޅުވީ ހޮސްޕިޓަލުގައި ހުރި ޑޮކްޓަރު ފޮނުވާލާނެކަމަށް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވެފައިވާކަމަށެވެ.

ސޯބެ ވިދާޅުވީ ޑޮކްޓަރު ފޮނުވާލުމުން އިމަޖެންސީގައި ސިޒޭރިއަން ހަދާނީ އައިއެމްޑީސީގައި ހުރި ޑޮކްޓަރުކަމަށެވެ.

"ޑޮކްޓަރު ފޮނުވާލުމުން އިމަޖެންސީގައި މާބަނޑު މީހުން ބަލައި ސިޒޭރިއަން ހަދާނީ އައިއެމްޑީސީގެ ގައިނީ ޑޮކްޓަރު، ، އެކަމަކު އޭނާ ރީޖަނަލް ހޮސްޕިޓަލުގައި ބަލި މީހުން ބަލައި ނުހަދާނެ، އެގޮތަށް މިހާރު ހަމަޖެއްސީ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ހޮސްޕިޓަލަށް ގެންނަ އާ ޑޮކްޓަރު ހަފްތާއެއްގެ ތެރޭގައި ގެނައުމަށް ހޮސްޕިޓަލުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޑޮކްޓަރު ގެނައުމަށް ހޮސްޕިޓަލުން މަސައްކަތް ކޮށްފައި ހުރި ލިޔެކިއުންތައް ވެސް ފެނުނުކަމަށެވެ.

"މިއަދު ހޮސްޕިތަލުން ދެއްކި އަލަށް ގެންނަން މަސައްކަތް ކުރާ ޑޮކްޓަރު ގެނައުމާއި ގުޅޭ ލިޔެކިއުން، ހީވަނީ ހަފްތާއެއްގެ ތެރޭގައި ގެނެވޭ ވަރުވާނެކަމަށް"

އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި މިއަދު ހަވީރު ހޮސްޕިޓަލް ސަރަހައްދުގައި އެމްޑީޕީން މުޒާހަރާ ކުރި ވަގުތު ސޯބެ އާއި އިތުރު ބައެއް ކައުންސިލަރުން ވަނީ ހޮސްޕިޓަލް ހިންގަން ތިބި ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި އެމަޝްވަރާތަކުގައިވެސް ޑޮކްޓަރު ފޮނުވާލުމަށް ވަނީ ހުށަހަޅާފައެވެ.

މިއަދު ހަވީރު ހޮސްޕިޓަލް ސަރަހައްދުގައި ކުރިއަށް ގެންދިއަ މުޒާހަރާ ނިންމާލީ ހަވީރު 5:30 ވި ފަހުންނެވެ. މި މުޒާހަރާއަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޖަމާވިއެވެ.

ޑޮކްޓަރު ފޮނުވާލުމަށް ނިންމި ނިންމުމާއި ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ސައީދުއަށް ގުޅަންކުރި މަސައްކަތްވަނީ ކާމިޔަބްވާ ގޮތް ނުވެފައެވެ.