Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

"އީޔޫ ބަޔާނުން ދެކޮޅީ ދީނީ މިނިވަންކަމުގެ ވާހަކަތަކާ"

މިއަދު ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާ ގުޅޭ ގޮތުން ހުށައެޅި ބަޔާނުގައި 22 ކަމެއް ފާހަގަކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ދިވެހިންނަށް ބަލައިނުގަނެވޭނެ ބަޔަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަށް މަގުފަހިވާ ބައި އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދީނީ މިނިވަންކަން ދިނުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް އީޔޫއިން ހުށައެޅި ހުށައެޅުން ބަލައިނުގަނެވުނަސް، އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް ބޭނުންވާކަން ކަމަށާއި އެ ބަޔާނަށް މަރުހަބާ ކިޔާ ކަމަށެވެ.

އީޔޫ އިން ވަނީ އަށް ދާއިރާއަކުން 22 ކަމެއް ހުށައަޅާފައި. މީގެ ތެރެއިން ދިވެހިންނަށް ބަލައިނުގަނެވޭނީ އެންމެ ކަމެއް. އެއީ ގާނޫނު އަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަން ކަމުގެ ބަދަލު. އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަން. އީޔޫގެ ބަޔާނަށް މަރުހަބާ."

ނަޝީދު މިހެން ވިދާޅުވެފައިވަނީ އީޔޫގެ ބަޔާނުގައި ދީނީ މިނިވަންކަމަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާތީ، ސަރުކާރު ހިންގާ ޕީޕީއެމް އަދި އެމްޑީއޭ އިން އެ ބަޔާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ. އެގޮތުން ޕީޕީއެމުން ވަނީ މިއީ ސީދާ އިދިކޮޅުން ކުރުވި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އަދި އެމްޑީއޭއިން ވަނީ މިފަދަ ކަމެއް ހުށައަޅާފައިވާތީ އީޔޫއިން ވަކިވުމަށް ވެސް ގޮވާލާފައެވެ. އީޔޫ ގެ ބަޔާނަށް ދިވެހިންގެ ތެރޭގައިވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.