Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އެހެން ދީންތަކަށް ފުރުސަތު ހުޅުވާލީ ޔާމީން: އަމީން

ފަހުގެ ތާރީހެއްގައި ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބަދަލުކޮށް ފަރަންޖީންނަށް ދިވެހިން ބިން މިލްކު ކުރެވޭ ގޮތް ހަދައި އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ހުޅުވާލެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާންގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހި ކޮންމެ ރައްޔިތަކީ އިސްލާމް ދީން ގަބޫލުކޮށްގެން ހުރި މުސްލިމަކަށް ވާން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަނުންއިން ހުށަހެޅުމާއި ގުޅިގެން ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވާފައިވަނިކޮށް އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަރަންޖީންނަށް ރާއްޖޭގެ ބިމުގައި، ވަޒަންވެރިވުމުގެ ދޮރު ހުޅުއްވާ ދެއްވީ ރައީސް ޔާމީންކަމަށެވެ.

"ރައީސް ޔާމީން އާއި އައުވާނުން ދެ ބޯގެރި ދުއްވައި، އީޔޫގެ ރިޕޯޓް އެޑްވާންޓޭޖް ނަގަން ނޫޅުއްވާ!، މިހާތަނަށްވެސް ދީނުގެ ހިމާޔަތުގައި ސާބިތުވި ލީޑަރުންނާއި، އިލްމުވެރިންގެ ބޮލުގައި ލާދީނީ ޓެގް ނޭޅުވޭނެ، އެރިޕޯޓްގައި ކުރިން ނުދައްކާ އާ ވާހަކައެއް ނެތް، ދިވެހިންގެ ދީނަކީ އިސްލާމް ދީން"

އަމީން ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި، މަޖްލިސް މެމްބަރުން ހައްޔަރުކޮށް ގާނޫނު އަސާސީ ބަދަލުކުރީ ކޮން އެދުމެއްގައިތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ހެދުމާއި ގުޅިގެން ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީނު ފޮހެވިގެން ހިނގައިދާނެކަމަށް އޭރުވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު ބައެއް މެމްބަރުންގެ ވޯޓާއި އެކު ގާނޫނު އަސާސީގެ 251ވަނަ މާއްދާއަށް ވަނީ ބަދަލު ގެނެސްފައެވެ.