މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަރާތުން ކެއާ ސޮސައިޓީއަށް 52،000ރ. ހަދިޔާކޮށްފި އެވެ.
މިއީ ކެއާ ސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމެންޓް ސެންޓަރުގެ ޕްލޭ އޭރިއާ ހަދަން ހަދިޔާކުރި ފައިސާ ކަމަށް މީރާ އިން ބުނެއެވެ.
އިއްޔެ މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މީރާގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާ ކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ޔަޒީދު މުހައްމަދެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ އެ ތަނުގެ ޗެއާޕާސަން ތޯހާ ސަލީމެވެ.
މީރާ އިން ބުނާ ގޮތުގައި ކެއާ ސޮސައިޓީ އަށް ހަދިޔާކުރި ފައިސާ އަކީ އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާއީ ޒިންމާގެ ޙަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށެވެ.
އިއްޔެގެ ހަފްލާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ޔަޒީދު ވިދާޅުވީ، މިއީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އިޖުތިމާއީ މިފަދަ އެތައް ހަރަކާތެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ކެއާ ސޮސައިޓީގެ ޗެއާޕާސަން ތޯހާ ސަލީމްގެ ވިދާޅުވީ މި ފަދަ އެހީތަކަކީ އެ ޖަމިއްޔާ އަށާއި ކެއާ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއް ކަމަށެވެ.
އަދި މީރާގެ މުވައްޒަފުން ދިން އެހީ އަކީ ކެއާ ޑިވެލޮޕްމަންޓް ސެންޓަގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމު ކަމެއް ހާސިލް ކުރުމަށް ވެވޭ ވަރަށް ބޮޑު އެހީއެއް ކަން ފާހަގަކުރައްވަމުން މީރާގެ މުވައްޒަފުންނަށް ތޯހާ ޝުކުރު އަދާކުރެއްވި އެވެ.