Last Updated: April 20, 18:41
Saturday, April 20, 2024
މުނިފޫހިފިލުވުން

ޑީޖޭ އެވީޗީ އޮމާންގައި މަރުވެއްޖެ

ސްވިޑެންގެ މަޝްހޫރު ޑީޖޭ އެވީޗީ އުމުރުން 28 އަހަރުގައި އިއްޔެ އޮމާންގައި މަރުވެއްޖެއެވެ.

އެވީޗީ މަރުވެފައި އޮތްވާ ފެނިފައިވަނީ އޮމާންގެ މަސްކަޓް ހޮޓަލެއްގެ ތެރޭގައެވެ. އޭނާ މަރުވި ސަބަބެއް އަދި ޑޮކްޓަރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސިއްހީ މައްސަލަތަކުގެ ސަބަބުން އޭނާ ވަނީ 2016 ވަނަ އަހަރު ޓުއާއަށް ދިއުން ހުއްޓާލާފައެވެ.

ޚަބަރު ލިބޭ ގޮތުގައި ބަނގުރާ މާ ގިނައިން ބުއިމުގެ ސަބަބުން އޭނާއަށް ވަނީ މީގެ ކުރިންވެސް ތަފާތު ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ހާލު ދެރަވެގެން ޑޮކްޓަރުން ވަނީ އޭނާގެ ބްލެޑާ އަދި އެޕެންޑިކްސް ނަގާފައެވެ.

އެވީޗީ ވަނީ އޭނާގެ ޒުވާން މިއުޒިކް ކެރިއާގައި ޝަރަފުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ދެ އެމްޓީވީ އެވޯޑާއި އެއް ބިލްބޯޑް މިއުޒިކް އެވޯޑް ހޯދާފައިވާއިރު އޭނާ ވަނީ ދެ ފަހަރު މަތިން ގްރެމީއަށް ނޮމިނެޓު ވެފައެވެ.

އަދި ބިލްބޯޑް މިއުޒިކް އެވޯޑްގެ އެންމެ މޮޅު ޑާންސް އަދި އިލެކްޓްރޯނިކް އަލްބަމްގެ އެވޯޑަށް އޭނާގެ އަލްބަމް ވަނީ ނޮމިނޭޓް ވެފައެވެ. އެވީޗީގެ ކުއްލި މަރާއި ގުޅިގެން މިއުޒިކީ ދުނިޔެ އަންނަނީ ހިތާމަކޮށް، ތައުޒިޔާ ރައްދު ކުރަމުންނެވެ.