Last Updated: April 20, 09:23
Saturday, April 20, 2024
ދުނިޔެ

ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، މަރާލައިފި

އިންޑިޔާގައި އަނެއްކާވެސް އުމުރުން އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި އަންހެން ކުއްޖާ ނިދާފައިވަނިކޮށް ނަގައިގެން ގޮސް ރޭޕްކޮށްފައިވަނީ އެ ކުއްޖާއާ އާއިލީ ގުޅުމެއްވާ މީހެކެވެ.

އޭނާ ވަނީ އެކުއްޖާ ނިދާފައިވަނިކޮށް ކޮނޑު މައްޗަށް ލައިގެން ދުރު އިމާރާތަކަށް ގެންގޮސްފައެވެ. އަދި އެތަނުގައި އަންހެން ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިމުޖުރިމުގެ މައުލޫމާތު އަދި އިންޑިޔާ ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ވަނީ ފަށާފައެވެ. އަދި އޭނާ އަންހެން ކުއްޖާ މަރާލިތަން ސީސީޓީވީ ކެމެރާއަކަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަންހެން ކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނިފައިވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރާ ފިހާރައެއްގެ މީހަކަށެވެ. އޭނާ ބުނެފައިވަނީ އެ ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ކަމަށެވެ.